ވިޔަފާރި

ލެޓިން އެމެރިކާ މާކެޓްގައި ރާއްޖެ ޕްރޮމޯޓް ކުރަނީ


ލެޓިން އެމެރިކާ ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ގޮތުން "ޑަބްލިއު.ޓީއެމް ލެޓިން އެމެރިކާ" ފެއާރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 10 އިން 12 އަށް އޮންލައިންކޮށް ކުރިއަށް ދިޔަ މިފެއާގައި 50 ޤައުމަކުން 600 އެގްޒިބިޓަރުން ބައިވެރިވެއެވެ. މިފެއާގައި އެމްއެމްޕީއާރްސީގެ ފަރާތުން، ދައިރާގެ 10 ޕާޓްނަރުންނާއިއެކު، ގިނަ ބައްދަލުވުންތަކެއް ބާއްވާ ގުޅުން ޤާއިމުކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ކަމުގައިވާ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި، ލިވަބޯޑު އަދި ހޮޓެލް ކޮންސެޕްޓް ވަނީ ޕްރޮމޯޓް ކޮށްފައެވެ.

މިފެއާގައި ރާއްޖެ ޕްރޮމޯޓު ކޮށްފައިވަނީ، އެންމެ ރައްކާތެރި މަންޒިލެއް ގޮތުގައެވެ. އަދި ލެޓިން އެމެރިކާ މާކެޓުގައި ރާއްޖޭގެ މޫދު އަޑީ ރެސްޓޯރެންޓުތަކާއި އަދި ވެލްނެސް ސެންޓަރުތައް ވަނީ ޕްރޮމޯޓު ކޮށްފައެވެ. އެމްއެމްޕީއާރްސީން ވިދާޅުވީ، މިއީ ރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައިވެރިވި ފެއާއެއް ކަމުގައެވެ.

މީގެއިތުރުން މިހަރަކާތުގެ ތެރެއިން ބްރެޒީލިއަން މާކެޓުގައި ރާއްޖެ ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޤްބޫލުވެގެން ގޮސްފައިވާކަން ފާހަގަވެގެންދިޔަ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މިމާކެޓުގައި ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި، ފްރެންޗް ޕޮލިނީޝިއަށް ވުރެ ކުރި ރާއްޖެ ހޯދާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެ މިހާތަނަށް 686،057 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނާއި އެކު، ރާއްޖެ ގިނަ ފްލައިޓުތަކެއް ދަތުރު ކުރުމާއި އެކު ފަތުރުވެރިން އަންނަ މިންވަރު މިވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.