ވިޔަފާރި

ވިޔަފާރިވެރިންގެ ސިމްޕޯޒިއަމެއް އޮކްޓޫބަރުމަހު ބާއްވަނީ


ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވިޔަފާރިވެރިންގެ ސިމްޕޯޒިއަމެއް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް މުދްރިކަތު މޫސާއާއި އެ ޖަމުއިއްޔާގެ ބައެއް މެންބަރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާޢީލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިވަނީ، ދިވެހި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން މިދަނޑިވަޅުގައި ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވޭނެ ގޮތަކާމެދު މަޝްވަރާކުރުމަށް ވިޔަފާރިވެރިން ބައިވެރިކޮށްގެން ސިމްޕޯޒިއަމެއް ބޭއްވުމާމެދު މަޝްވަރާ ކުރައްވާފައެވެ. މިސިމްޕޯޒިއަމް ބޭއްވުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަތުމުގެ މަސައްކަތް މިސިމްޕޯޒިއަމްގެ ތެރެއިން ފަށާނެ ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ހާމަކުރައްވައެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ފަރާތުން އެކުލަވާލަމުން ގެންދާ ކޯވިޑް ރިކަވަރީ ޕްލޭނާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާތަނަށް އެކި އެކި އިންޑަސްޓްރީތައް ހިމެނޭގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބައްދަލުވުންތައް ބާއްވައި، ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ފަރާތްތަކަށް ވިޔަފާރީގައި ދިމާވެފައިވާ ގޮންޖެހުންތައް އަޑު އަހާފައިވާނެ ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީ ލުއިތައް ހޯދައިދިނުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރެވޭނީ ޖަމުއިއްޔާއާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް އެޖަމްއިއްޔާއިން ވަނީ ފާހަގަކުރައްވާފައެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ މެންބަރުން އިކޮނޮމިކް މިނިސްޓަރާއެކު ބޭއްވެވި މިބައްދަލުވުމަކީ އަލަށް އިންތިޚާބުވި އެޖަމްއިޢްޔާގެ ބޯޑު ތަޢާރާފުވެ މިނިސްޓްރީއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ހާމަކުރައްވައެވެ.