ޚަބަރު

ގާފަރާއި މަޑުއްވަރީ އައިސް ޕްލާންޓު އިމާރާތުގެ މަސައްކަތް ފަށައިފި


ގާފަރާއި މަޑުއްވަރީގައި އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ކ. ގާފަރާއި، ރ. މަޑުއްވަރީގައި މިފްކޯއިން ތަރައްޤީ ކުރަމުންދާ އައިސްޕްލާންޓްތަކަކީ މަސްވެރިންނަށް ފަސޭހަ ކަމާއެކު އައިސް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި ދެ ރަށުގައި އައިސް ޕްލާންޓުގެ މަސައްކަތް ފެށި މިހާރު ކުރިއަށް ދަނީ ޢިމާރާތް އެޅުމުގެ މަސައްކަތް ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް އެދެރަށަށް ގެންގޮސްފައިވާ ކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި ކުރިއަށް އޮތް 45 ވަރަކަށް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމައި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ފަށާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވީ، މި ދެރަށުގެ އައިސް ޕްލާންޓްގެ މަސައްކަތް ފެށުން ލަސްވެގެން ދިޔައީ، މަސައްކަތައް ބޭނުންވާ ސާމާނަކީ ބޭރުން ގެންނަ ތަކެތި ކަމަށްވެފައި ކޯވިޑްގެ ތެރޭގައި ޝިޕިންގް ދަތިތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ފެށިފައިވާ އައިސް ޕްލާންޓުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމާށް އޭނާ ވިދާޅުވިއެވެ.

ގާފަރާއި މަޑުއްވަރީގެ އިތުރުންވެސް އިތުރު ރަށްރަށުގައި އައިސް ޕްލާންޓު ގާއިމު ކުރުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ހއ. ހޯރަފުށްޓާއި ފ. ފީއަލީގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.

މިއަހަރުގެ ތެރޭގައި އައިސްޕްލާންޓް އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޯރީއެވެ. މީގެތެރެއިން ގއ.ގެމަނަފުށީ އައިސްޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދެންހުރި ހުރިހާ ރަށެއްގައި ޤާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓްތަކެކެވެ.