ޚަބަރު

މީހުންގެ ގޭގޭގައި ފަތުރުވެރިން ތިބޭ މައްސަލަ ވަނީ ފާހަގަވެފައި: ޓޫރިސްޓް ޕޮލިސް


ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ނެތް ގެތަކުގައި ފަތުރުވެރިން ބައިތިއްބާ މައްސަލަ ފާހަގަވެފައިވާކަމަށް ޓޫރިސްޓު ޕޮލިހުން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ، ޓޫރިސްޓު ފޮލިހުގެ ހިދުމަތާއި މަސައްކަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަޒްހަމް ވިދާޅުވީ ފަތުރުވެރިންނާއި ގުޅުންހުރި ގިނަ ބާވަތްތަކެއްގެ މައްސަލަ ހުށަހެޅޭ ކަމަށެވެ. އެގޮތުން ގިނަ މައްސަލަތަކަކީ ޖިނާޢީ ކުށްތަކަށް ނުވާ މައްސަލަތައްކަމަށް އޭނާ ވިދާޅުވެއެވެ. މިގޮތަށް ހުށަހެޅޭ ޖީނާޢީ ނޫން މައްސަލަތަކަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރެވޭކަމަށްވެސް އަޒްހަމް ވިދާޅުވިއެވެ.

އަޒްހަމް ވިދާޅުވީ، މިދުވަސްވަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާއިރު އާއްމުންގެ ގޭގައި ފަތުރުވެރިން ބައިތިއްބާ މައްސަލަ ފާހަގަވެފައިވާކަމަށެވެ. އަދި ޤާނޫނުތައް އޮންނަގޮތުން ފަތުވެރިންނަށް ތިބެވޭނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ ތަންތަނުގައިކަމަށާއި، އެ ނޫން ތަނެއްގައި ތިބޭނަމަ، ގެސްޓްހައުސްތަކަށް ފަތުރުވެރިން ބަދަލުކުރާކަމަށް އަޒްހަމް ވިދާޅުވިއެވެ.

"ފަތުރުވެރިން އެކޮމަޑޭޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި. އެހެންނޫން ކަމަށްވާނަމަ ހާއްސަކޮށް މިކޯވިޑްގެ މިދަނޑިވަޅުގައި އެއީ އެންމެންގެ ސަލާމަތަށް ނުރައްކާތެރިކަން ލިބިދާނެ ވަރުގެ ކަމެއް. މިގޮތަށް މިކަން ކުރާކަމަށްވަންޏާ އަޅުގަނޑުމެންގެ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަން ތަކުން މިހާރުވެސް މަސައްކަތަކެއް އެބަ ކުރޭ، އެގޮތަށް ތިބި ފަތުރުވެރިން ބުކިން ހަދާފައި ގެސްޓް ހައުސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް. ގްރޭޓާރ މާލޭ އޭރިއާގައިވެސް އެގޮތަށް ދިމާވާ ކޭސްތަކުގައި ފަތުރުވެރިން ގެސްޓް ހައުސްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" އަޒްހަމް ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ދޭ ޙިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ޓޫރިސްޓު ޕޮލިސްގެ ފަރާތުން ގިނަ މަސައްކަތް ކުރަމުންދާ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި ފަތުރުވެރިންނަށް ދިމާވާ މައްސަލަތައް ހުށަހެޅުމުގައި އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ދަނީ ފަތުރުވެރިންނާއި ގުޅޭ ކަންކަމުގައި ކަމާއި ބެހޭ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވާއިރު ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖެއަށް އަންނަނީ ޒިޔާރަތްކުރަމުންނެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަަަށަވަރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއެކު، ރާއްޖެއަކީ ދުނިޔޭގައި އޮތް ފަތުރުވެރިކަމުގެ އެންމެ ރައްކާތެރި މަންޒިލްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.