ރިޕޯޓް

ރިޔާ ނަގައިގެން ކަޅުއޮށްފުންމި މާދަމާ ދުއްވަނީ


ޕޯޗްގީޒުންގެ އަތްދަށުން
ރާއްޖެ މިނިވަން ކުރެއްވުމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ޖިހާދުކުރެއްވުމުގެ
ދަތުރުކުރެއްވި އުޅަނދުކަމުގައިވާ ކަޅުއޮށްފުންމިއާ އެއްގޮތަށް ބަނތް އުޅަނދު ގައި
ރިޔާ ނެގުމަށް ފަހު މާދަމާ ރިޔަލާއި ދަތުރުކުރާނެކަމަށް ނޭކުރެންދޫ ކައުންސިލުން
ހާމަކޮށްފިއެވެ.  މި އޮޑީގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ
ހުދުކުލައިގެން ފޮތި ރިޔަލެކެވެ.



ރާއްޖޭގެ
މިނިވަންކަމަށް 50 އަހަރުފުރުން ކުލަގަދަކޮށް މިއަހަރު ފާހަގަކުރައްވާފައިވާއިރު،
މިނިވަން ފަންސާހާ ގުޅުވައިގެން ކުރިއަށް ގެންދެވި އެންމެ ތާރީޚީ އަދި އެންމެ ފާހަގަކޮށްލެވޭ
އެއްކަމަކީ، 
ޕޯޗުގީޒުންގެ އަތްދަށުން
ރާއްޖެ ސަލާމަތްކުރެއްވުމުގެ ޖިހާދުގައި އުތީމު ތިންބެއިން ބޭނުންކުރެއްވި އޮޑި،
ކަޅުއޮށްފުންމިއާ އެއްގޮތަށް އަލުން ބަނުމުގެ މަސައްކަތެވެ. އެ އޮޑި މިހާރު ވަނީ
ހދ. ނޭކުރެންދޫގައި ބަނދެ ނިމި މޫދަށް ބާލާފައެވެ.



ކަޅުއޮށްފުންމިއަކީ
ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު، އެ މީހުންގެ
އަޅުވެތިކަމުން ޤައުމު މިނިވަންކުރެއްވުމަށް ކުރެއްވި ޖިހާދުގައި އުތީމު ތިން
ބެއިން ބޭނުންކުރެއްވި އޮޑިއެވެ. އަލީ ތަކުރުފާނާއި މުޙައްމަދު ތަކުރުފާނު އަދި ޙަސަން
ތަކުރުފާނު ކަޅުއޮއްފުންމި ބެންނެވީ ހއ. ބާރަށުގައެވެ. ކަޅުއޮށްފުންމީގެ
ދިގުމިނަކީ 52 ފޫޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް
ކަޅުއޮށްފުންމި ބެންނެވީ އުތީމު ތިންބެއިން ކަމަށްވާ ޢަލި ތަކުރުފާނާއި މުޙައްމަދު
ތަކުރުފާނު އަދި ޙަސަން ތަކުރުފާނާއި އެ ތިންބެއިންގެ އެކުވެރިންނެވެ. އެއަށްފަހު
މި ޤައުމީ ޖިހާދާ، ތިމަރަފުށީ ޢަލީ ހާޖީ އާއި ތިމަރަފުށީ ޙަސަން ހާޖީ އަދި
ދުވާފަރު ދަންޑަހެލު ގުޅިވަޑައިގެންނެވިއެވެ.



މި އޮޑިބަނުމުގެ މަސައްކަތް
ކުރިއަށް ގެންދިއުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ނޭކުރެންދޫގައި
ޙަރަކާތްތެރިވި އިވެންޓް ކޯޑިނޭޓަރ މުޙައްމަދު އަބުދުއްޞަމަދު ވިދާޅުވީ ވަރަށް
ހިތްހަމަޖެހޭ އަދި ސަރުކާރުން ކުރެއްވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.



މީގެ އެތައް
ސަތޭކަ އަހަރެއް ކުރިން ބޭނުންކުރި ކަޅުއޮށްފުންމީގެ އަސްލު ފޮޓޯއެއް އަދި ޙަޤީޤީ
ކުރެހުމެއް ފެންނަން ނެތަސް، އެ އޮޑި ބަނުމަށްޓަކައި ދިރާސާތަކެއް ކުރައްވައި،
ގިނަ މަޢުލޫމާތުތަކެއް "މިނިވަން 50" ކޮމެޓީން އެއްކުރެއްވިއެވެ.
 



މި އޮޑި ބަނުމުގެ
މަސައްކަތް ކުރެއްވީ މެރިޓައިމް އެންޑް އަންޑަރ ވޯޓަރ ހެރިޓޭޖާ ޙަވާލުކުރައްވައިގެނެވެ.
އޮޑި ބަނދެފައިވަނީ އަސްލު ކަޅުއޮއްފުންމި ބަން ބާވަތުގެ
ލަކުޑީގައި ހަމަ އެ ޒަމާނުގައި ބޭނުންކުރެއްވި އާލާތްތައް ބޭނުންކުރައްވައިގެނެވެ.




މެރިޓައިމް އެންޑް އަންޑަރ ވޯޓަރ ހެރިޓޭޖްގެ ރައީސް އަޙުމަދު ޙަލީމް ވިދާޅުވީ ، އޮޑިއާ ބެހޭގޮތުން
ލިޔުއްވަފައިވާ ފޮތް ކިޔާ، ބޮޑުތަކުފާނު ބޭނުންފުޅުކުރެއްވި
އޮޑީގެ އަސްލާ އެއްގޮތަށް އެންމެ ފުރިހަމައަށް ބަނުމަށް، ވަރަށް ބޮޑެތި
މަސައްކަތެއްކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ތާރީޚީ މަސައްކަތެއް ކުރުމުގައި
ބައިވެރިވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.



ހދ.
ނޭކުރެންދޫގައި ބަނދެ މި އޮޑި ބޭލި ދުވަހު، ރަށުން ޤައުމީ
އެއްބައިވަންތަކަމާއި، އެކުވެރިކަން ވަރަށް ރަނގަޅަށް
ފެނިގެންދިޔައެވެ.



އުތީމު ތިން
ބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމީގެ ސިފަޔަށް ބަނތް މިއޮޑި ޤައުމީ ދުވަހަށް ހއ.
އުތީމަށް ގެންދަވާނެއެވެ.



ކަޅުއޮށްފުންމި
ބަނުމަށްޓަކައި ކުރި ހުރިހާ މަސައްކަތެއްގެ ވީޑިއޯ އަދި ލިޔެކިޔުން ތާރީޚަށްޓަކައި
އަދި އިލްމީ ބޭނުމަށް ވަނީ ރައްކާކުރެވިފައެވެ.



ކަޅުއޮށްފުންމި
މާލެ ގެނެސް، ބަހައްޓަވަން ކުރިން ނިންމަވާފައި އޮތީ ސަލްޓަންޕާކް ތެރޭގައެވެ.
ނަމަވެސް ކަޅުއޮށްފުންމި ބަހައްޓަވަން މިހާރު ހަމަޖައްސާފައިވަނީ ޤައުމީ ދާރުލްއާޘާރުގެ
ބޭރު ގޯތި ތެރޭގައެވެ.