ޚަބަރު

ފަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވޭނެ: އިމިގްރޭޝަން


މިދުވަސްކޮޅު އެއަރޕޯޓް ބާރުބޮޑުވެގެންދިޔަނަމަވެސް، ފަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުރިއަށް އޮތްތަނުގައި ކުޑަކުރެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުުވެއްޖެއެވެ.

އިމިގްރޭޝަނުން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، އެއަރޕޯޓުވެސް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް މިދުވަސްވަރު ފަތުރުވެރިން އަންނަ އަދަދު އިތުރުވެފައިވާއިރު، އެއާޕޯޓުގެ ޚިދުމަތްތައް ނިއުނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ދޭންޖެހުމުން، ހިދުމަތްތައް ދެމުން އައި ގޮތްތަކަށްވެސް މިވަނީ ބަދަލުތަކަށް އައިސްފައެވެ. އެގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ބޮޑު އިސްކަމެއްދެއެވެ. މިގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ ޗެކްކުރަން ޖެހެއެވެ. ކޯވިޑް ޓެސްޓްތަކުން ފެށިގެން، އާއްމު ހާލަތުގައި ބަލަން ނުޖެހޭ ގިނަ ކަންތައްތަކެއް ނިއުނޯމަލްގެ ހާލަތުގައި އިމިގްރޭޝަނުން ބަލަންޖެހެއެވެ. މިކަންކަމުގެ ސަބަބުން އެއަރޕޯޓުގައި ފަތުރުވެރިން ހޭދަކުރަންޖެހޭ ވަގުތު ކުރިއާއަަޅާބަލާއިރު އިތުރުވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ، އެއަރޕޯޓުގައި ފަތުރުވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. މީގެއިތުރުން ފަތުރުވެރިންނަށް ލުއިކޮށްދިނުމަށް އިމިގްރޭޝަން ޕޯޓަލް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް ހަނަފީ ފާހަގަކުރެއްވިއެވެ. މިއާއި އެކު ޕެސެންޖަރުން ކައުންޓަރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވިގެންދާނޭކަމަށް ޤަބޫލުކުރައްވާކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން ވަރަށް ގިނަ ކަންކަން ބަލަންޖެހޭއިރު، މިކަމުގައި އެއާލައިންތަކާއިއެކުވެސް މަޝްވަރާ ކުރެވި ފަސޭހަތަކެއް ހޯދުމަށް ވާހަކަ ދެކެވިފައިވާކަމަށެވެ.

"އެއާލައިންތަކާއި ވާހަކަ ދައްކައިގެން އިތުރަށް މިކަންކަން ފަސޭހަ ކުރެވޭނެ ގޮތްތަކާއި މެދު ވާހަކަ ދެކެވެމުން [ދަނީ]. ޕެސެންޖަރުން ރާއްޖެ އެތެރެވާއިރުގައި އިމިގްރޭޝަން ކައުންޓަރާއި ހަަމައަށް އައުމުގެ ކުރީން، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި އެއާލައިނުގެ ވަރަށް ބޮޑު ރޯލެއް އަދާކުރަން އޮވޭ. ދެން ވަރަށް ބޮޑަށް މެނުއަލީ ވޯކް ތަކެއް އައީމަ، ތަރޯކޮށް ޗެކް ކުރަންވީމަ ތަންކޮޅެއް ޓައިމް ދަނީ. ހަމަ 45 ސިކުންތު، އެއީ އަޅުގަނޑުމެންގެ ސްޓޭންޑާޑް އަކީ ކުރީގަވެސް. 45 ސިކުންތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި [މީހާރުވެސް] އާންމުކޮށް ޕްރޮސެސް ކުރެވޭ" ހަނަފީ ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު އިތުރުވެފައި މިވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ލުއިތަކެއް ދިނުމާއެކެވެ. މިގޮތުން މީގެކުރިން ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުވިޔަސް، މިހާރު ދެކުނު އޭޝިޔާ ސަރަޙައްދުގެ ފަތުރުވެރިންނަށްވެސް ރާއްޖެ ޒިޔާރަތްކުރެވޭނެއެވެ. ނަމަވެސް އެކަމުގައި އަމަލުކުރަން އެޗްޕީއޭއިން ވަނީ ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ.