ޚަބަރު

އެކަހެރިވުމުގެ އުޞޫލުތަކާ ޚިލާފުވާ މީހުންގެ ނަންތައް ޖަޕާނުގައި ޢާންމުކުރަނީ


ޖަޕާނުގައި އެކަހެރިވުމުގެ އުޞޫލުތަކާ ޚިލާފުވާ މީހުންގެ ނަންތައް ޢާންމުކުރަން ފަށައިފިއެވެ.

ޖަޕާނުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އެހެން ޤައުމުތަކުން އެ ޤައުމަށް އެތެރެވާ ހުރިހާ މީހުން ދެ ހަފުތާގެ މުއްދަތަށް އެކަހެރިވާންޖެހޭނެކަމަށާއި މޮބައިލް އެޕެއް ބޭނުންކޮށްގެން އެ މީހުންގެ މަޢުލޫމާތުތައް ޙިއްޞާކުރުމަށް އަންގައިފައެވެ. އެ ގޮތުން އެ އެޕު ބޭނުންކޮށްގެން އެ މީހުން ތިބި ސަރަޙައްދުތަކުގެ މަޢުލޫމާތުވެސް ޖަޕާނުގެ ޞިއްޙަތާބެހޭ ވުޒާރާއާ ޙިއްޞާކުރަންޖެހެއެވެ. ނަމަވެސް ބައެއް މީހުން އެ އެންގުމަށް ޢަމަލުނުކުރާކަމަށް ބުނެ އެ ވުޒާރާއިންވަނީ އެކަހެރިވުމުގެ އުޞޫލުތަކާ ޚިލާފުވެފައިވާ 3 މީހެއްގެ މަޢުލޫމާތު ޢާންމުކޮށްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެކަހެރިވުމުގެ އުޞޫލުތަކާ ޚިލާފުވާ މީހުންގެ ނަންތައް ޢާންމުކުރާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އެކަހެރިވުމުގެ އުޞޫލުތަކާ ޚިލާފުވެފައިވާ މީހުންގެ ނަންތައް ޢާންމުކުރުމާއެކު މީސްމީޑިޔާގައި އެ މީހުންނާ ގުޅޭ އިތުރު މަޢުލޫމާތު ހޯދައި ދެނެގަތުމަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ މަސައްކަތްކޮށްފައެވެ. އެ ގޮތުން އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި އެ މީހުން އަދާކުރާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތުތައްވަނީ މީސްމީޑިޔާގައި ޢާންމުވެފައެވެ.