ޚަބަރު

ވޫހާނުގެ ހުރިހާ ރައްޔިތުން ކޯވިޑް-19އަށް އަލުން ތަޙްލީލުކުރަނީ


ޗައިނާގެ ވޫހާނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޯވިޑް-19އަށް ތަޙްލީލުކުރަން ނިންމައިފިއެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވޫހާނުންނެވެ. އެއަށްފަހު ޗައިނާގެ ސަރުކާރުންވަނީ ވޫހާން ފުރަބަންދުކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޯވިޑް-19އަށް ތަޙްލީލުކޮށްފައެވެ. އަދި ޗައިނާގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ވޫހާންވެސް ހިމެނެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުވަނީ ޗައިނާއިންވެސް ފެނިފައެވެ. ޗައިނާގައި އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެނިފައިވަނީ ޖިއަންސޫ ޕުރޮވިންސްގެ ވެރިރަށް ނަންޖިންނުންނެވެ. އެ ގޮތުން އެންމެ ފުރަތަމަ ބަލިޖެހިފައިވަނީ ރަޝިޔާއިން ދަތުރުކުރި މަތިންދާބޯޓެއް ސާފުކުރަން އުޅުނު ބަޔަކަށްކަމަށާއި ޖުލައި 26ވަނަ ދުވަހުގެ ފަހުން ވައިގެ ބަނދަރު ބަންދުކޮށްފައިވާކަމަށްވެސް ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އޭގެ އިތުރުން ނަންޖިންގެ ޢާންމުން ބަޔަށް ތަޙްލީޅުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ވޫހާނުންވެސްވަނީ ޑެލްޓާ ވޭރިއެންޓު ފެނިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވޫހާނުން ބަލިޖެހިފައިވާ 3 މީހުންވަނީ ފެނިފައެވެ. އެއާއެކު ވޫހާނުގައި ދިރިއުޅޭ 12 މިލިޔަން މީހުން ބައްޔަށް ތަޙްލީލުކުރުމަށްވަނީ ނިންމައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 90 މީހުންވަނީ ޗައިނާގެ އެކި ސަރަޙައްދުތަކުން ފެނިފައެވެ. އޭގެ ތެރެއިން 45 މީހުން ފެނިފައިވަނީ ޖިއަންސޫ ޕުރޮވިންސުންނެވެ. އެއާއެކު ޗައިނާގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 93،100އަށްވުރެ ގިނަވެފައެވެ. ބަލިމަޑުކަމުގައި ޗައިނާއިންވަނީ 4,636 މީހުން މަރުވެފައެވެ.