ޚަބަރު

ޔަހޫދީންގެ ހަމަލާތަކެއްގައި ޢައްޒާގެ 5 މީހުން ޝަހީދުކޮށްލައިފި


ޔަހޫދީންގެ ހަމަލާތަކެއްގައި ޣައްޒާގެ އިތުރު ފަސް ރައްޔިތުން ޝަހީދުވެއްޖެއެވެ.

މަޢުމޫލާތު ލިބޭ ގޮތުގައި ޝާހީދުވި މީހުންގެ ތެރެއިން ހަތަރު މީހުން ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގެ ޕެންޑާ މޯލް ކައިރިއަށް ޔަހޫދީން ދިން ހަމަލާއެއްގައެވެ. އޭގެ އިތުރުން ތުއްފާޙް އަވަށަށް ދީފައިވާ ހަމަލާއެއްގައި ވެސް އެކަކު ޝަހީދުވެފައިވެއެވެ.

ޔަހޫދީން ޣައްޒާއަށް އިތުރު ހަމަލާތަކެއް ދީފައި މި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާނަށް ތިން އަހަރު ފުރިފައި ވަނިކޮށެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.

ޔަހޫދީން ފެށި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާއިރު، މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 74،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،400 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތު ކުރުމަށް ގޮވާލި ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.