ޚަބަރު

އަސްކަރީ ފަރިތަކުރުންތައް ބާއްވައިފިނަމަ ގުޅުންތަކަށް އަސަރުކުރާނެ: އުތުރު ކޮރެޔާ


އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އަސްކަރީ ފަރިތަކުރުންތައް ބާއްވައިފިނަމަ ބަދަހިކުރަން މަސައްކަތްކުރާ ގުޅުންތަކަށް އަސަރުކުރާނެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ. އުތުރު ކޮރެޔާއިން އެހެން ބުނެފައިވަނީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން މި މަހުގެ ތެރޭގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އުތުރު ކޮރެޔާގެ ޒަޢީމުގެ ކޮއްކޯފުޅު ކިމު ޔޯ ޖޮން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްވަނީ އަނެއްކާވެސް ފަށައިފައެވެ. އެ ގޮތުން ދެ ކޮރެޔާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން ޚާއްޞަ އިދާރާއެއް އަލުން ޤާއިމުކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށްވަނީ މަޝްވަރާކޮށްފައެވެ. އަދި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންނާއި ދެކުނު ކޮރެޔާގެ ރައީސް މޫން ޖައި އިންނާ ދެމެދު ރަސްމީ ސިޓީތަކެއްވަނީ ބަދަލުކުރައްވާފައިވާއެވެ.

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތުގެ ދަށުން އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ މުވާސަލާތީ ގުޅުންތައްވަނީ އަލުން ޤާއިމުކޮށްފައެވެ. އެއީ 2018ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ގޯސްވި ގުޅުންތައް އަލުން ބަދަހިކުރުމަށް ކުރިޔަށް އަޅައި ފުރަތަމަ ފިޔަވަޅެވެ. އޭގެ އިތުރުން ދެ ކޮރެޔާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރެވިއްޖެނަމަ އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށްވެސް ފުރުޞަތު ލިބޭނެއެވެ. އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވަނީ އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ހަތިޔާރާއި މިސައިލު އުފެއްދުމުގެ މަޝްރޫޢުގެ ސަބަބުންނެވެ.