ޚަބަރު

ތައިލޭންޑުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ކޮންޓޭނަރުތަކުގައި ރައްކާކުރަނީ


ކޯވިޑް-19 ޖެހިގެން ތައިލޭންޑުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ކޮންޓޭނަރުތަކުގައި ރައްކާކުރަން ފަށައިފިއެވެ. އެ ޤައުމުގައި އެންމެ ފަހުން އެ ގޮތަށް ޢަމަލުކޮށްފައިވަނީ 2004ވަނަ އަހަރުގެ ސުނާމީގެ ދުވަސްވަރުއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލޭންޑުގައި 18,912 މީހުންނަށްކޯވިޑް-19 ޖެހި 178 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 597,287އަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 4,857 އިތުރުވެފައެވެ.

ކޯވިޑް-19 ޖެހިގެން ތައިލޭންޑުގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމާއު އެންދުމުގައި ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ. އެއާއެކު އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ މަރުވާ މީހުންގެ ހަށިގަނޑުތައް ވަޅުލެވެންދެން ނުނީ އަނދާލެވެންދެން ކޮންޓޭނަރުތަކުގައި ރައްކާކުރަން ފަށައިފައެވެ. އޭގެ ކޮންޓޭނަރެއްގެ އަގު 7،600 އެމެރިކާ ޑޮލަރަށް އަރައެވެ.

ތައިލޭންޑުގައި ގޮތްނޭނގޭ މަރުތަކުގެ 20 އިންސައްތަ މީހުންނަކީ ކޯވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންކަމަށްވެސް އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ ބުނެފައެވެ. އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ. އެއާއެކު އެ ޤައުމުގެ ވެރިރަށް ބެންކޮކުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި 1،800 އެނދުގެ ހަސްފަތާލެއްވަނީ އަޅައިފައެވެ.