ޚަބަރު

ޔޫއޭއީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި


އެކުވެރި އަރަބި އިމާރާތުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. ޔޫއޭއީން އާންމު ކުރާ ގްރީން ލިސްޓަކީ އެޤައުމަށް ކަރަންޓީން ނުވެ ދެވޭނެ ޤައުމުތަކުގެ ލިސްޓެކެވެ.

31 ޤައުމު ހިމެނޭ މިލިސްޓުގައި ރާއްޖެ ހިމެނިގެން ގޮސްފައި މިވަނީ ރާއްޖޭގެ ކޯވިޑް ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަންވެސް ބާރުމިނެއްގައި ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. މިލިސްޓް އެންމެ ފަހުން އެޤައުމުން ހާމަ ކޮށްފައިވަނީ، މިދިޔަ ޖޫން މަހު 24 ވަނަ ދުވަހުއެވެ. އޭރު ރާއްޖެ ލިސްޓުގައި ހިމެނިފައި ނުވެއެވެ.

ޔޫއޭއީން މިހާރު އާންމު ކޮށްފައިވާ ލިސްޓުގައި ރާއްޖޭގެ އިތުރުން ބަޙްރެއިން ޕޮލެންޑް، ޔޫކްރެއިން ބަލްގޭރިއާ ފަދަ ޤައުމުތައް ހިމެނެއެވެ. މީގެ ކުރިން އާންމުކޮށްފައިވާ ލިސްޓުން ޑެންމާކްއާއި ފްރާންސް އާއި ނެދަލޭންޑް ފަދަ ޤައުމުތައް ވަނީ އުނިވެގެން ގޮސްފައެވެ.

މިލިސްޓުގައި ރާއްޖެ ހިމެނުމާއިއެކު، ރާއްޖެއިން ޔޫއޭއީއަށް ދާ ފަރާތްތައް އެޤައުމުގައި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ކަރަންޓީނު ނުވިނަމަވެސް، އެޤައުމަށް އެތެރެވުމާއެކު އެއަރޕޯޓުން ޕީސީއާރް ޓެސްޓު ހައްދަން ޖެހޭނެއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތެއް ނަމަ، 6 ވަނަ ދުވަހު ޕީސީއާރް ޓެސްޓެއް ހައްދަން ޖެހޭއިރު، ފުރަތަމަ ޑޯޒް އެކަނި ފުރިހަމަ ކޮށްފައިވާ ފަރާތެއްނަމަ، 12 ވަނަ ދުވަހު ދެވަނަ ޕީސީއާރް ޓެސްޓެއް ހައްދަން ޖެހޭނެއެވެ.

މިލިސްޓުގައި ނުހިމެނޭ ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކުން އެޤައުމުގައި 7 ދުވަސް ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި 6 ވަނަ ދުވަހު ޕީސީއާރް ޓެސްޓު ހައްދަން ޖެހޭނެއެވެ. އަދި މިޤައުމުތަކުން އަންނަ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން 12 ދުވަސް ކަރަންޓީނުވެ އިތުރު ޕީސީއާރް ޓެސްޓެއް 11 ވަނަ ދުވަހު ހައްދަން ޖެހެއެވެ.

ޤައުމުގެ ގޮތުގައި ބަލާނީ އެ ދަތުރުވެރިއަކު އައި ޤައުމު ކަމަށާއި، އެ ދަތުރުވެރިޔާ ނިސްބަތްވާ ޤައުމަކަށް ނޫން ކަމަށް ޔޫއޭއީގެ ޑިޕާޓްމަންޓް އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް އިން ހާމަކޮށްފައިވެއެވެ.