ޚަބަރު

އާއިލާއާއި އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި


އާޢިލާއާއި އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގެއި ވަނީ، އެތަކެއް މަސްތަކެއްގެ ދަތިއުނދަގޫތަކަށް ފަހު، އާންމު ހާލަތަށް ރުޖޫޢަ ވުމަށް މިހާރު އޮތް މަގަކީ ވެކްސިން ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލަށް ނިކުތުމަށާއި، ވިޔަފާރިތައް ހިންގުމަށާއި ޢާއިލާއާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދުމަށް ވެކްސިންގެ ޖެހުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ވެކްސިން ނުޖަހާ ފަރާތްތަކުންވެސް އާޢިލާއާއި އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ އަންނަ އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤައުމީ ވެކްސިން ބޮޑު ޕްރޮގްރާމެއް ފައްޓަވާކަން ހާމަ ކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޯވިޑްގެ ޙާލަތަކީވެސް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއްކަމަށެވެ. އަދި. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަމަށެވެ.

ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެން ހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ސަރުކާރުންވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފާފައެވެ. މިކަންކާމިޔާބުކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމަންޓެއްވެސް ގެނެސްފައެވެ.

މާލެ ސަރަހައްދުގައު ވެކްސިން ބޮޑު ޕްރޮގްރާމް ފަށާފައިވާއިރު، ވެކްސިން ޖެހުމަށް ދާން ޖެހެނީ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުމަށް ރެޖިސްޓްރީ ކުރެވޭނެއެވެ. މީގެ އިތުރުން ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިހާރު ސަރުކާރުން ގެނެސްފައިވާ އެސްޓްރާ ޒެނެކާ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނީ އެރަށެއްގެ ސިއްޙީ މަރުކަޒު ނުވަތަ، ހޮސްޕިޓަލް މެދުވެރިކޮށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ވެކްސިންޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދަންޖެހެއެވެ. މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި ދާން ބޭނުންވާ ދުވަހާއި ގަޑި ކަނޑައަޅަންޖެހެއެވެ. މާލެ ސަރަޙައްދުގައި ދިވެހިންނާއި ބިދޭސީންނަށްވެސް މިލިންކް މެދުވެރިކޮށް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމަށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.