ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ޝަރަފުވެރި އެވޯޑްތަކަކަށް ރާއްޖެ ވާދަކުރަނީ


ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ޝަރަފުވެރި އެވޯޑްތަކެއްކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" އާއި "ވޯލްޑް ކްރޫޒް އެވޯޑް"ގެ ކެޓަގަރީތަކަކަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ރާއްޖެއިން ނޮމިނޭޓްވެފައިވަނީ "ވޯލްޑް ޓްރެވަލް އެވޯޑްސް"ގެ އިންޑިޔާ ކަނޑުގެ 10 ކެޓަގަރީއަކުންނާއި، އަދި ވޯލް ކްރޫޒް އެވޯޑުގެ ކެޓެގަރީއަކަށެވެ.

1993 އިން ފެށިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެމުންގެންދާ ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ. 28 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ގިނަ ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާއިރު މީގެކުރީންވެސް ރާއްޖެއިން ވަނީ މި އެވޯޑު ހާސިލްކޮށްފައިވެއެވެ.

މި އަހަރު މި އެވޯޑުގައި ރާއްޖެ ވާދަކުރާ ކެޓަގަރީތަކަކީ:

  • 1. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލް
  • 2. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ބީޗް ހިމެނޭ މަންޒިލް
  • 3. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ކްރޫސް މަންޒިލް
  • 4. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑައިވް މަންޒިލް
  • 5. ގްރީން މަންޒިލް
  • 6. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ހަނީމޫން މަންޒިލް
  • 7. އިންޑިޔާ ކަނޑުގެ އެންމެ ސަސްޓެއިނަބަލް ޓޫރިޒަމް މަންޒިލް
  • 8. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ވެޑިންގް މަންޒިލް
  • 9. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު އެޑްވެންޗަރ ޓޫރިޒަމް މަންޒިލް
  • 10. އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑް: މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މިކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު ސެޕްޓެމްބަރު 1 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ވޯލްޑް ކްރޫޒް އެވޯޑަށް ރާއްޖެއިން ނޮމިނޭޓްވެފައިވާއިރު މިއެވޯޑަށް ރާއްޖެއިން ނޮމިނޭޓް ވެފައިވަނީ " އިންޑިއާ ކަނޑުގައި އެންމެ ފާހަގަކޮށްލެވޭ ކްރޫޒް ޑެސްޓިނޭޝަން 2021" އަށެވެ.

މިއެވޯޑަށް ވޯޓުލުމުގެ ފުރުސަތު އޮގަސްޓް 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެކި އެވޯޑްތައް އަބަދުވެސް ރާއްޖެއަށް ލިބެއެވެ. އެ ގޮތުން މިދިޔަ އަހަރު ދިވެހިރާއްޖެއިން ވަނީ އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލް ބީޗް ޑެސްޓިނޭޝަން، އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލް ކްރޫސް ޑެސްޓިނޭޝަން، އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަން އަދި އިންޑިޔާ ކަންޑުގެ އެންމެ މަގުބޫލު އެންމެ މަގުބޫލް ޑެސްޓިނޭޝަންގެ އެވޯޑް ހޯދާފައެވެ. މީގެއިތުރުން ދުނިޔޭގެ އެންމެ މަގުބޫލް ޑެސްޓިނޭޝަންގެ އެވޯޑްވެސް ދިވެހިރާއްޖެ އިން ހޯދާފައެވެ.

ފާއިތުވެދިޔަ 17 އަހަރު ތެރޭގައި 13 ފަހަރެއްގެ މަތިން ދިވެހިރާއްޖެއިން ވަނީ އިންޑިޔާ ކަނޑުގެ އެންމެ މަޤުބޫލު މަންޒިލްގެ މަގާމު ހާސިލުކޮށްފައެވެ.