ރިޕޯޓް

ބްރިޖްގެ މަސައްކަތްކުރާ ޗައިނާގެ ޓީމެއް ރާއްޖެ އައިސްފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރުމަށް ސަރުކާރުން އެވޯޑުކޮށްފައިވާ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުގެ އިސްބޭފުޅުން ރާއްޖެއަތުވެއްޖެއެވެ. މި ބޭފުޅުންނަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރުމަށް ސަރުކާރުން އެވޯޑުކޮށްފައިވާ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނީގެ ފަރާތުން ރާއްޖެއައި ފުރަތަމަ ޓީމުގައި ހިމެނެނީ، ބްރިޖްގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެކުންފުނިން ކަނޑައަޅާފައިވާ ޕްރޮޖެކްޓް މެނޭޖަރާއި، އެބޭފުޅާއާއެކު މާލޭގައި ހަރަކާތްތެރިވާ ސީނިއަރ ބޭފުޅުންކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މި ޓީމް ރާއްޖެއައުމާއެކު، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ އެބޭފުޅުންނާއި ބައްދަލުކުރައްވައި، ބްރިޖްގެ އަމަލީ މަސައްކަތްތައް ފެށްޓެވުމަށްޓަކައި، ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްޞާކުރައްވާފައެވެ. ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ އަމަލީ މަސައްކަތް ފެއްޓުމަށްޓަކައި، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ ފަރާތުން އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާކަމެއް މިހަފްތާގެ ނިޔަލަށް ހަމަޖެހިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު މަސައްކަތްތައް ދާ ދުވެއްޔަށް ބަލާނަމަ، ޑިސެމްބަރު މަހުގެ 15 ނުވަތަ 20 ހާތާގައި، ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށްޓުމުގެ ރަސްމިއްޔާތު ބޭއްވިގެންދާނެކަމަށެވެ. މަސައްކަތް ކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރުމާއި، ފައިނޭންޝިއަލް އެގްރީމެންޓްގައި ސޮއިކުރުމާއި، އަދި އަމަލީގޮތުން މަސައްކަތް ފެށުންވެސް ކުރިއަށްދާނީ މި ރަސްމިއްޔާތުގެ ތެރެއިންކަމަށް މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިއެވެ. "އެބޭފުޅުން ވަރަށް ބާރަށް ހުރިހާ މަސައްކަތެއް އެބަކުރިއަށްގެންދަވާ. މި އަންނަ އަންގާރަ ދުވަހު ޕްރޮޖެކްޓް މެނޭޖްމަންޓްގެ އިމްޕްލިމެންޓް ކުރުމަށްޓަކައި، މާލެއަށް ހުރިހާ ތަކެތި ގެނެއުމަށްޓަކައި، އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ނިންމުމާއި ބެހޭ ބައްދަލުވުމެއް ޗައިނާގައި އޮންނާނެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭ ރާއްޖެއަށް އަންނާނެ އެބޭފުޅުންގެ ދެވަނަ ޓީމް. އެޓީމްގައި ކުންފުނީގެ އެންމެ ސީނިއަރ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާނެ" މިނިސްޓަރ ވިދާޅުވިއެވެ. (ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމާއި ބައްދަލުކުރައްވަނީ / ފޮޓޯ: ހައުސިންގ މިނިސްޓްރީ)ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ހަމަޖެހިފައިވާއިރު، ހުޅުލެއިންނާއި، ހުޅުމާލެއިން ސައިޓް ހެދުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މޮބިލައިޒޭޝަންގެ މަސައްކަތަށް ތައްޔާރުވީހާ އަވަހަކަށް، އަންނަ ހަފްތާ ތެރޭވެސް އެބޭފުޅުންނަށް މާލެއިން ސައިޓްހެދުމަށް ބޭނުންވާ ބިން ލިބޭނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. "މާލޭގެ ސައިޓް ފިޒިކަލީވެސް ވަކިކުރުމުގެ މަސައްކަތް މިވަނީ ފެށިފައި. މި އަންނަ ހަފްތާތެރޭގައިވެސް އެބޭފުޅުން ބޭނުންފުޅުވާނަމަ، މާލޭގެ ސައިޓް ފިޒިކަލީވެސް ހޭންޑް އޯވަރ ކުރެވިދާނެ. ބައުންޑްރީ ފެންސް ޖެހުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ. ތަން އޮތީ ރެޑީކޮށް. ދެން އެހެންވީމަ، އެބޭފުޅުން މޮބިލައިޒްކޮށްގެން ހަމަ މަސައްކަތް ފަށަން ތައްޔާރުވީމަ، ތަން ލިބޭނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ. (ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ޕީ.އެސް.އެމް ނިއުސްއަށް އިންޓަރވިއު ދެއްވަނީ / ފޮޓޯ: ހައުސިންގ މިނިސްޓްރީ)މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލެ – ހުޅުލެ ބްރިޖްގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވެފައި، މި މަސައްކަތް ކުރުމުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން، އެއިން އެއްވެސް ކަމެއް ލަސްވުމެއްނެތި ހަމަޖެއްސުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެވެސް ވަރަށް ފުރިހަމަ އެއްބާރުލުން އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. "ޗައިނާއިން އަންނާނެ ވަރަށް ގިނަ މަސައްކަތު މީހުން. އެމީހުންގެ ނިންމަންޖެހޭ ކަންތައްތައްވެސް ހުންނާނެ. އަދި ވަރަށް ގިނަ އިކުއިޕްމަންޓްސްވެސް ހުންނާނެ. އެހެންވީމަ ކަސްޓަމުންނާއި، އިމިގްރޭޝަނުންނާއި، މިހެންގޮސް ގުޅުންހުރި މުއައްސަސާތަކުން ނިންމަންޖެހޭ ކަންތައްތައް ޑިލޭތަކެއް ނުގެނެސް ނިންމުމަށް ތައްޔާރަށް ތިބީ. އެހެންވީމަ، ހުރިހާ ކަމެއްވެސް ވަނީ ވަރަށް ރަނގަޅަށް ރޭވިފައި" އެމަނިކުފާނު ވިދާޅުވިއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ މާލޭ ލޮނުޒިޔާރަތްކޮޅުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ ފައިނަލް ޑިޒައިން މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ ހައުސިންގ މިނިސްޓްރީން ވަނީ ދައްކާލާފައެވެ. މާލެއާއި ހުޅުލެއާއި ދެމެދު އަޅާ މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. މި ބްރިޖް ޑިޒައިން ކޮށްފައިވަނީ، ދެކޮޅަށް ވެހިކަލް ދުއްވާ ދެ ލޭނާއި، ސައިކަލްތަކަށް ވަކި ލޭނަކާއި، ބައިސްކަލްތަކަށް ވަކި ލޭނެއްގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭން އެއް ހިމެނޭ ގޮތަށެވެ.