ޚަބަރު

އޮފީސް ފަޅާލިނަމަވެސް އެއްވެސް އެއްޗެއް ނުގެއްލޭ: އެސްޑީއެފްސީ


އެސްއެމްއީ ބޭންކުގެ ހެޑް އޮފީސް ފަޅާލިނަމަވެސް، އެއްވެސް އެއްޗެއް ވަގަށްނަގާފައި ނުވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 8:56 ހާއިރު، އެސްޑީއެފްސީ އޮފީ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މިކަމާއި ގުޅިގެން އެސްޑީއެފްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެތަނުގެ ހެޑް އޮފީހަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އޮފީހުގެ ބައެއް ހަރުމުދަލަށް ގެއްލުން ވެފައިވީނަމަވެސް، ލޯން އެޕްލިކޭޝަނާއި ގުޅިގެން އެއްވެސް ފަރާތަކުން ދީފައިވާ ޒާތީ މަޢުލޫމާތެއްވެސް އަދި އެއްވެސް ފައިސާއެއްވެސް ގެއްލިފައިނުވާކަމަށް އެސްޑީއެފްސީން ބުނެއެވެ.

މިމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، އެސްޑީއެފްސީ ވަނީ ލޯން އެޕްލިކޭޝަނާއި އަދި އެއާއިއެކު ހިއްސާކޮށްފައިވާ ލިޔެކިއުންތައް ރައްކާތެރި ގޮތުގައި ބަލަހައްޓަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.އަދި މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނެކަމަށްވެސް އެސްޑީއެފްސީން ބުނެއެވެ.