ރިޕޯޓް

"ޚުލްޤް ހެޔޮ، ކަމަށް ކަމޭހިތްތަވާ، އިޚްލާސްތެރި ބޭފުޅެއް"


އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީއަކީ ދިވެހި ޤައުމުދެކެ ލޯބިވާ އެ ބޭފުޅަކަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ދިވެހި ބަޠަލެކެވެ.އެމަނިކުފާނު ހަނދާންތައް ދިވެހިން އަބަދުވެސް އާކުރާނެއެވެ. އެމަނިކުފާނުގެ ހަނދާންތައް އެކުގައި އުޅުއްވި ބޭފުޅުންވެސް އާކުރައްވަނީ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ."ޚުލްޤް ހެޔޮ، ކަމަށް ކަމޭހިތްތަވާ، އިޚްލާސްތެރި ބޭފުޅެއް" މިއީ ނ.ޢ.ޢ.ވ އަލްމަރުޙޫމް އަބްދުއްސައްތާރު މޫސާދީދީ އާއެކު އެކިދުވަސްވަރު މަސައްކަތްކުރައްވާފައިވާ ބޭފުޅުން އަލްމަރުޙޫމް އަބްދުއްސައްތާރު މުސާދީދީ ސިފަކުރައްވާ ގޮތެވެ.އަބްދުއްސައްތާރު މޫސާދީދީ އަކީ ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި، ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ވަރަށް ހަރުދަނާ ޤައުމީ ޝަޚްޞިއްޔަތެކެވެ. ދިވެހި ސަރުކާރުގެ ޚިދުމަތުގައި 51 އަހަރު ހޭދަކުރައްވާފައިވާއިރު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 13 އަހަރަށް ވުރެ ގިނަދުވަހު، އެމަނިކުފާނުގެ ކެބިނެޓުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.މަރުހޫމް އަބްދުއްސައްތާރުގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވާ ރައީސް މައުމޫނު އެމަނިކުފާނު ސިފަކުރައްވަނީ ގައުމަށް ތެދުވެރި، އަމާނާތްތެރި، ވެރިންނާ ގުޅުންބަދަހި ބޭފުޅެއްގެ ގޮތުގައެވެ.  1978 ގައި ރައީސް މައުމޫންގެ ފުރަތަމަ ކެބިނެޓްގައިވެސް އަބްދުއްސައްތާރު މޫސާ ދީދީ ހިމެނިވަޑައިގަންނަވައެވެ.އަލްމަރުހޫމް އަބަދުއްސައްތާރު މޫސާދީދީ ހެލްތް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި، ޑރ އަބްދުއް ސައްތާރު ޔޫސުފް ވިދާޅުވީ، އެ މަނިކުފާނަކީ، ކަންކަން ނިންމަވާއިރު ހުރިހާ ބޭފުޅުންގެވެސް ލަފާ ހޯއްދަވައިގެން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ،  މަސައްކަތުގައި އުޅުއްވާއިރުވެސް، ސަމާސަ  މިޒާޖެއް ގެންގުޅުއްވާ ކަމަށް ކަމޭހިތްތަވާ، ވަރަށް މާތް ބޭފުޅެއްގެ ގޮތުގައި ޑރ ސައްތާރު ސިފަ ކުރެއްވިއެވެ.މަރްހޫމް އަބްދުއްސައްތާރު މޫސާ ދީދީ އާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ނ.ޢ.ޢ.ވ އައްބާސް އިބްރާހިމްވެސް އަބްދުއްސައްޔާރު މޫސާ ދީދީ ސިފަކުރައްވަނީ އެކުގައި އުޅެން ފަސޭހަ، އެހެން މީހުންގެ އިހްސާސްތައް ދަންނަ، ބޮޑާ ކަމެއް ނެތް އޯގާތެރި ބޭފުޅެއްގެ ގޮތުގައެވެ. އައްބާސް ވަނީ އަބްދުއްސައްތާރު މޫސާ ދީދީ އާއެކު ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ހަދާން އާކުރައްވާފައެވެ.އަލް މަރުހޫމް އަބްދުއްސައްތާރު މޫސާ ދީދީ އަކީ، މިއަދުގެ ޒުވާނުން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލަންޖެހޭ ފަރާތެއްކަން ފާހަގަ ކުރައްވަމުން އަބްދުއްﷲ ކަމާލުއްދީން ވިދާޅުވީ، އަބަދުވެސް ގައުމުގައި ހިނގާ ކަންކަމާމެދު ވިސްނާވަޑައިގެން، ގައުމު ބައިބައިވެގެން ހިނގައިދާނެތީ ދެރަފުޅުވެގެން ވާހަކަފުޅު ދައްކަވާ ކަމަށް. އަދި ވަކިފަރާތަކަށް ނުޖެހި އެމަނިކުފާނުގެ ދަށުން މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށްވެސް  ވަރަށް ރަނގަޅަށް ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި އަބްދުﷲ ކަމާލުއްދީން ސިފަކުރައްވައެވެ.މިއަދު އަޅުގަނޑުމެންނާއި ވަކިވެގެންދިޔައީ ގައުމު ފަހުރުވެރިވާ އަގުހުރި ދަރިއެކެވެ. ރަސްމީ ހަޔާތުގައިވެސް އަދި އަމިއްލަފުޅު ހަޔާތުގައިވެސް ކިލަނބުކަމެއް ނެތް، ނަމޫނާ ބޭފުޅެކެވެ.ދިވެހިރާއްޖެ މިނިވަންކަން މަތީ އޮތްހާ ހިނދަކު އެބޭފުޅެއްގެ ޒިކުރާ މުޅި ގައުމު އާކުރާނެ ބޭފުޅެކެވެ.މާތް ﷲ އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި!