ޚަބަރު

"ރީޖަނަލް އެސޯސިއޭޝަންތަކާއެކު ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ"


  • ރީޖަނަލް އެސޯސިއޭޝަންތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވި

ރީޖަނަލް އެސޯސިއޭޝަންތަކާއެކު ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ގާނޫނަށް ގެނެވިގެންދިޔަ ބަދަލާއެކު، އެސޯސިއޭޝަންތަކަށް ވަނީ ރީޖަނަލް އެސޯސިއޭޝަން ހެދުމުގެ ބާރު ލިބިގެން ގޮސްފައެވެ. އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދުގައި ރީޖަނަލް އެސޯސިއޭޝަން އުފެއްދުމަށް ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ހެދި ޕްލޭންގެ ތެރެއިން ކުޅިވަރު ގާނޫނަށް ގެނެވުނު އެއް ބަދަލަކީ ރީޖަނަލް އެސޯސިއޭޝަން ހެދުމުގެ މަގު ގާނޫނޫން ފާސްކުރުން ކަމަށެވެ. އަދި މި ގާނޫނުގެ ދަށުން އެފްއޭއެމް އިން ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ނިންމި ނިންމުމަށް ވަޒީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

"
މިއީ ރާއްޖޭގެ ކުޅިވަރު ޑީ ސެންޓްރަލައިޒް ކުރުމަށް އަމަލީ ގޮތުން އަޅުގަނޑުމެންނަށް ކުރެވުނު ވަރަށް ބޮޑު ކަމެއް.
ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ވަޒީރު ވިދާޅުވީ، ރީޖަނަލް އެސޯސިއޭޝަންތަކާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކައި، ކުރިމަގުގައި ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރީޖަނަލް އެސޯސިއޭޝަން ހެދިގެން ދިޔައީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ ބައިވެރިވުމާއެކުކަމަށެވެ.

ވަޒީރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެން އަންނައިރު، ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން އެ އެސޯސިއޭޝަންތަކައް ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ޖެނެރެލް ސެކެޓްރީގެ މުސާރަ ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގުބަލުގައި ކުޅިވަރަށް އިންގިލާބީ ބަދަލެއް ލިބޭނެ ކަމެއް. އެއްކޮޅުން އަޅުގަނޑުމެން ވަސީލަތްތައް އެބަ ގާއިމް ކުރަން. އަޅެއްކޮޅުން އަޅުގަނޑުމެން އެޑްމިނިސްޓިވްލީ ކުޅިވަރު މުޅީ ރާއްޖެއަށް ފެތުރޭނެ ގޮތައް ޑިޒައިންވެގެން އެބައާދޭ. ދެން އަޅުގަނޑުމެން އަށް އޮންނާނީ މީހުން ތަމްރީނުކުރުން. އަޅުގަނޑުމެންގެ މެކްސިމަމް އަޅުގަނޑުމެން ދޭނަން ކުޅިވަރު އެސޯސިއޭޝަންތަކަށް." ވަޒީރު ވިދާޅުވިއެވެ.

ރީޖަނަލް އެސޯސިއޭޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އެފްއޭއެމް އިން އެކަންްޏެވެ. އެފްއޭއެމްގެ ރައީސް ވަނީ ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެން އަންނައިރު، ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.