ރިޕޯޓް

އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް


އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުން ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގައި އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.އެގޮތުން މި ސަރުކާރުންވަނީ، ކުންފުނިތަކުގެ ބޯޑުގައި ޙަރަކާތެރިވާ މެމްބަރުންގެ %30 އަކީ އަންހެނުންނަށް ހެދުމަށް ނިންމަވާފައެވެ.ދެކުނު އޭޝިޔާ ސަރަޙައްދުގެ ، މާލީ ދާއިރާގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން، އެންމެ މަތީމަޤާމްތަކުގައި އަންހެނުން އެންމެ ގިނައިން މަސައްކަތްކުރާ ޤައުމަކީ ދިވެހިރާއްޖެއެވެ.އެގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އަދި ބޭންކާއި އެހެނިހެން މާލީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އިންސައްތަ ދެބައިކުޅައެއްބަޔަަށް ވުރެ ގިނައެވެ.ސަރުކާރުން އަންހެނުން އިޤްތިޞޯދީ ދާއިރާގައި ހަރަކާތެރިބަޔަކަށް ހެދުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެވެސް ވަކި އިންސައްތައެއް ވަނީ އަންހެނުންނަށް ޚާާއްޞަކުރެވިފައެވެ.ސަރުކާރުން ދިވެހިއަންހެނުން އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް އެފަދަ ވިޔަފާރިތައްކުރާ އަންހެނުންނަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.އެގޮތުން ގޭގައިތިބެގެން ވިޔަފާރިތައް ހިންގާ އަންހެނުންގެ ކޯޕަރޭޓިވް، ސަބާގެފަރާތުން ހިންގާ ޕްރޮޖެކްޓްގެ ދަށުން މިއަހަރު 66 ފަރާތަކަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމް ސަރުކާރުން ފަހިކޮށްދެއްވާފައިވެއެވެ. މީގެ ތެރެއިން 16 ފަރާތަކަށް ރާއްޖެއިން ބޭރުގައި ޕްރޮޑަކްޝަން ޝިފްޓް މެނޭޖްމަންޓްގެ ދާއިރާއިން ވަނީ ތަމްރީންވުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.ސަބާ ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރުމަށް ހަމަޖެހިފައިވާ 4 ޕްރޮޑަކްޝަން ސެންޓަރު ޤާއިމްކުރުމަށް ބޭނުންވާ ސާމާނުވެސް ވަނީ ގެނެވިފައެވެ.އައްޑޫ ސިޓީ އަދި މާލޭގައި ހެދުމަށް ހަމަޖެހިފައިވާ ކާބޯތަކެތި އުފައްދާ ޕެކްކުރުމުގެ ފެސިލިޓީ މިއަހަރުގެ ތެރޭގައި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ މަސައްކަތްކުރައްވަމުންނެވެ.ސަބާގެ މަސައްކަތްތައް ދިގު މުއްދަތަކަށް ދެމިގެންދާނެގޮތަށް ކުރުމަށްޓަކައި ދާއިމީ ފެސިލިޓޭޝަން ސެންޓަރެއްވެސް އެޅުމަށް ސަރުކާރުން  މިހާރު ވަނީ ބިމެއް ހަމަޖައްސަވާފައެވެ.