ވިޔަފާރި

ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ


ފަސްވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްލޭނަށް 10 ކޮންސަލްޓެންޓުން ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ. މިއީ ކުރިއަށް އޮތް ފަސް އަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ތައްޔާރު ކުރެވޭ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން ކޮންސަލްޓެންޓުން ހޯދައި އައްޔަން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އޭޑީބީގެ ފަރާތުންނެވެ. އެގޮތުން 9 ދިވެހި ކޮންސަލްޓެންޓުން ނަގާއިރު، ލީޑް ކޮންސަލްޓެންޓެއްގެ ގޮތުގައި ނަގާނީ ބޭރުގެ ފަރާތެކެވެ.

ކޮންސެލްޓެންޓުން ހޯދުމަށް އިއުލާން ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި، ތިމާވެށި، އިންސާނީ ވަޞީލަތުގެ ދާއިރާ، އިޖްތިމާޢީ ސަޤާފަތުގެ ދާއިރާ، ފަތުރުވެރިކަމުގެ މާކެޓިންގް އަދި ޕްރޮޑަކްޓް ޑިވެލޮޕްމެންޓް ދާއިރާ އާއި މެރިން އަދި ލިވަބޯޑް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ސެކިއުރިޓީ، ލީގަލް، ބިޒްނަސް ޑިވެލޮޕްމެންޓް އަދި ޕޮލިސީ ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ. ލީޑް ކޮންސަލްޓެންޓެއްގެ ގޮތުގައި ހޯދަނީ ޓުއަރިޒަމް ސްޓްރެޓެޖީ ކޮންސަލްޓެންޓެކެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޭޑީބީއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ގޮތުގައި މިފަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޯވިޑުން އަރައިގަތުމަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.