ވިޔަފާރި

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 800 މިލިއަން ރުފިޔާ ދޫކުރެވިފައިވޭ: ފައްޔާޒު


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 800 މިލިއަނެއްހާ ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްޕެމްންޓް ފައިނޭންސް ކޯޕަރޭޝަނުން (އެސްޑީއެފްސީ) 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ހުއްދަދީ، އޭގެ ތެރެއިން 800 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާތަނަށް ކޯވިޑް ނޫން ލޯންގެ ގޮތުގައި ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާގެ ލޯނަށް ހުއްދަ އެދުނުއިރު އޭގެތެރެއިން 524 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ކޯވިޑް ރިލީފް ލޯންގެ ގޮތުގައި ވިޔަފާރިތަކަށް 363 މިލިއަން ރުފިޔާ ދޫކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖުމްލަ 2200 ފަރާތަކަށް ކޯވިޑް ރިލީފް ލޯން މިހާތަނަށް ދޫކުރިއިރު، އޭގެ ތެރޭގައި 1519 ވިޔަފާރިއަކާއި 685 އަމިއްލަ މަސައްކަތްކުރާ ފަރާތެއް ހިމެނެއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 942 މިލިއަން ރުފިޔާ ލޯން މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށެވެ.

ކޯވިޑް ރިލީފް ލޯން ސްކީމުގެ ދަށުން ކެފޭ ރެސްޓޯރެންޓުތަކަށް ދީފައިވާ ލޯން އެހީއަށްވެސް މިނިސްޓަރ ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް 5 ފަރާތަކަށް 16 މިލިއަން ރުފިޔާގެ ލޯން އެހީ ދީފައިވާއިރު، އެސްޑީއެފްސީ މެދުވެރިކޮށް 156 ފަރާތަކަށް 33 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ. އެސްޑީއެފްސީ މެދުވެރިކޮށް ރެސްޓޯރެންޓުތަކަށް ލޯނު އެހީތެރިކަން ލިބުނު ފަރާތްތަކުގެ ތެރެއިން 90 ފަރާތަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ފަރާތްތައްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ލޯންއަށް އެދުމުގައި އެސްއެމްއީތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އަލަށް އެދިލައްވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް މިފަހަރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބިޒްނަސް ކްލިނިކް ތަޢާރަފު ކުރެވި މާލީ އެހީތެރިކަމުގެ އިތުރުން ފަންނީ އެހީތެރިކަމާއެކު ލޯންގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް މިދިޔަ ހާލަތުގައި ދޫކޮށްލީމަ އެބަ ފާހަގަވޭ ޖީއެސްޓީއާއި އެއްޗެހި އަސްލާއި ޙިލާފަށް ހުށަހާޅާފައި ހުރި ފަރާތްތަށް. މިހުރިހާ ކަމެއްވެސް އަޅުގަނޑުމެން ބަލަން ޖެހޭތީވެ ވަކިމިންގަނޑަކަށް ވުރެ ދަށަކަށް އަޅުގަނޑުމެންނަށް ލުޔެއް ނުކުރެވޭނެ. ބަހަލާ ގްރާންޓެއް ނަމަ ދޫކުރެވިދާނެ. އެހެންނަމަވެސް ރައްޔިތުންގެ ފައިސާ ލޯނެއްގެ ގޮތުގައި ދޭއިރު ބައެއް ބޭސިކް ކަންތައްތަކެއް ހިފަހައްޓަން ޖެހޭ" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ކޯވިޑު ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން ވިޔަފާރިތައް އަރައިގަތުމަށް އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް މިލިއަނެއްހާ ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމަށް ޖުލައި 1 ގައި ފުރުސަތު ހުޅުވާލާނެއެވެ. ކޯވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ސަރުކާރުގެ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ތައާރަފުކުރި ދެ ލޯނުގެ ތެރެއިން އެއް ލޯނެވެ.