ޚަބަރު

300 މިލިއަން ރުފިޔާގެ އެހީތެރިކަން އެސްއެމްއީތަކަށް ފޯރުކޮށްދީފައިވޭ: ފައްޔާޒު


މިދިޔަ ދޮޅު އަހަރުދުވަސް ތެރޭގައި ކޯވިޑް-19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާއި ގުޅިގެން ބޭއްވި ވެބިނަރ ފައްޓަވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ، މި ސަރުކާރުން ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާކަމަށެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދުގެ މައި ނާރެސްގެ ގޮތުގައި އޮތް ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. މިކަމުގެ ނުސީދާ އަސަރު މުޅި އިޤްތިޞާދަށް ފެތުރިގެން ދިޔައިރު އެންމެ ބޮޑަށް އަސަރެއް ކުރީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެސްއެމްއީ ބޭންކު ނުވަތަ އެސްޑީއެފްސީ މެދުވެރިކޮށް އަޅުގަނޑުމެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި ރިލީފް ލޯން ސްކީމް. އޭގައި އަޅުގަނޑުމެންނަށް ދެހާހެއްހައި ވިޔަފާރިއަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލުއި ލޯނުގެ ގޮތުގައި ދެވިފައި. މި ދެހާސް ވިޔަފާރި ތެރޭގައި 20 މިލިއަން ރުފިޔާގެ ލޯން ހޯމް ބޭސް ވޯކާސް އަށް ދެވިފައިވޭ. އެއީވެސް އަޅުގަނޑުމެން ދެކޭ ގޮތުގައި، މައިކްރޯ އެންޓަޕްރައިޒެސް ތެރޭގައި ވަރަށް ބޮޑަށް އަސަރު ކުރި ފާރާތްތަކެއް. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒްގެ ވާހަކަފުޅުގައި އެސްއެމްއީތަކަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރގެ މަސައްކަތްވެސް ރާއްޖޭގެ އިތުރު 4 ސަރަހައްދަކަށް މިހާރު ފުޅާ ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯދުމަށް "ކޯސެރާ" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް ފުރުސަތު ހޯދައިދީ އޭގެ ފައިދާވެސް ފެނިގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ބޮޑެތި ވިޔަފާރިތަކަށްވެސް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ލޯނު ހަމަޖެއްސުމުގެ އިތުރުން، ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.