ޚަބަރު

ފަލަސްޠީނުގެ ވެރިކަން ބަދަލުކުރުމަށް އެ ޤައުމުގެ ރައްޔިތުން ގޮވާލައިފި


ފަލަސްޠީނުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައި ހުޅަނގު އައްސޭރީގައި ބޭއްވި ހިނގާލުމެއްގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ އަލްޚަލީލުގައި ހިނގާލުން ބާއްވާފައިވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ހުއްޓައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް އެންމެ ބޮޑަށް ފާޑުކިޔައި އެއް ސިޔާސީވެރިޔާކަމަށްވާ ނިޒާރު ބަނާތު މަރުވުމުންނެވެ. ބަނާތުގެ ޢާއިލާއިން ބުނީ ޖޫން މަހުގެ 24ވަނަ ދުވަހުގެ ފަތިހުގެ ވަޤުތެއްގައި ބަނާތު ދިރިއުޅޭ ގެއަށް ފުލުހުން ވަދެ ދަގަނޑު ހޮޅިއަކުން އޭނާއަށް އަނިޔާކޮށްފައިވާކަމަށެވެ. އޭނާ ޙައްޔަރުކުރީ އޭގެ ފަހުންކަމަށް ޢާއިލާއިން ބުނެއެވެ. ބަނާތުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށްފަހު ފަލަސްޠީނުގެ އިންޑިޕެންޑެންޓު ކޮމިޝަން ފޮރ ހިޔުމަން ރައިޓުސުން ބުނީ ބަނާތުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. ޢައްބާސް ވިދާޅުވީ ބަނާތު މަރުވި ޙާދިޘާ ތަޙްޤީޤުކުރައްވާނެކަމަށެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް ކުރެވޭ ތުޙްމަތުތަކާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަލްޚަލީލުގެ ގަވަރުނަރު ޖިބުރީން އަލްބަކުރީ ވިދާޅުވީ ބަނާތު މަރުވީ އޭނާ ޙައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ޞިއްޙީ ޙާލަތު ގޯސްވުމުންކަމަށެވެ.

ފަލަސްޠީނުގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލާފައިވަނީ ބަނާތުގެ ޖަނާޒާގައި ބައިވެރިވުމަށްފަހުއެވެ. ފަލަސްޠީނުގެ ރައްޔިތުން ގޮވާލާފައިވަނީ ސަރުކާރު ބަދަލުވާންޖެހޭކަމަށާއި ޢައްބާސް އިސްތިޢުފާ ދެއްވަންޖެހޭކަމަށެވެ. އެ ހިނގާލުމުގައި ބައިވެރިވި ގިނަ ޢަދަދެއްގެ މީހުންވަނީ ފަލަސްޠީނާއި ޙަމާސް ޖަމާޢަތުގެ ދިދަ ވިހުރުވައިފައެވެ.

2005ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ޢައްބާސް ހުންނަވަނީ ޙައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ދަޢުލަތާއި ހުޅަނގުގެ ތާޢީދާއެކުއެވެ. ޢާންމުންގެ މެދުގައިވަނީ އޭނާގެ މަޤްބޫލުކަން ވަރަށް ބޮޑަށް ކުޑަވެފައެވެ. ޤައުމުގައި ޚިޔާނާތާއި ފަސާދަ އިތުރުވެ އިޤްތިޞާދީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ޢާއްމުންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ބަނާތަކީ ޢައްބާސާ ދެކޮޅަށް ޚިޔާނާތުގެ ގިނަ ތުޙްމަތުތަކެއް ކުރައްވައި އެ ޤައުމުގެ ޢާންމު އިންތިޚާބު ފަސްކުރުމަށް ޢައްބާސް ނިންމެވި ނިންމެވުމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާގެ ނަންވެސްވަނީ ހުށަހަޅުއްވަފައިވެއެވެ.

ފަލަސްޠީނުގެ ސަރުކާރާ ދެކޮޅު އަދި ޣައްޒާގައި ވެރިކަންކުރާ ޙަމާސުންވަނީ ޢައްބާސްގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ޢާންމުންގެ މިނިވަންކަމާއި ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވައިލައިފައެވެ.