ޚަބަރު

ޖޯޖު ފުލޮއިޑު މަރާލި ފުލުސް މީހާއަށް 22 އަހަރުގެ ޖަލު ޙުކުމެއް


ޖޯޖު ފުލޮއިޑު މަރާލި ޑެރެކް ޝޫވިން 22 އަހަރާއި ފަސް މަސް ދުވަހަށް އަހަރަށް ޖަލަށްލުމަށް ޙުކުމުކޮށްފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާވަނީ މަރުވެފައެވެ. ޢުމުރުން 46 އަހަރުގެ ޖޯޖު ފުލޮޔިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ދޮން ނަސްލުގެ ފުލުހެއް 9 މިނެޓުވަންދެން ކަކުލުން އެރުމުން ނޭވާހާސްވެގެންނެވެ. ފުލޮޔިޑުގެ ކަރުމައްޗަށް އަނިޔާވެރިކަމާއެކު އެރި ޑެރެކް ޝޫވިންގެ މައްޗަށް ދެވަނަ ދަރަޖައިގައި ގަސްދަކާ ނުލައި މީހަކު މަރާލުލުމުގެ ދަޢުވާއާއި ދެވަނަ ދަރަޖައިގައި މީހަކު މަރާލުމާއި ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ދަޢުވާވަނީ އުފުލައިފައެވެ. ޝޫވިންއާ ދެކޮޅަށް އުފުލި 3 ދަޢުވާ ސާބިތުވީ މިދިޔަ އޭޕުރިލް މަހުގެ 20ވަނަ ދުވަހުއެވެ.

22 އަހަރާއި ފަސް މަސް ދުވަހަށް އަހަރަށް ޝޫވިން ޖަލަށްކުމަށް ޙުކުމުކުރީ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ. އޭނާއަށް ޙުކުމު ކުރުމުގެ ކުރިން ކޯޓުގައި ވާހަކަދައްކަމުން ޝޫވިންވަނީ ފުލޮޔިޑުގެ މަރުގެ ތައުޒިޔާ އޭނާގެ ޢާއިލާއަށް ފޮނުވާކަމަށް ބުނެފައެވެ. ޝޫވިންއަށް އިއްވާފައިވާ ޖަލު ޙުކުމަކީ ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުމުގެ ކުށުގައި ފުލުހަކާ ދެކޮޅަށް މިހާތަނަށް އިއްވާފައިވާ އެންމެ ހަރުކަށި ޙުކުމުތަކުގެ ތެރޭގައި ހިމެނޭ ޙުކުމެކެވެ. މީގެ ކުރިން އެފަދަ މައްސަލަތަކުގައި ފުލުހުންނާ ދެކޮޅަށް މައްސަލަ ސާބިތުވެ ކުށްވެރިވެފައިވަނީ މަދު ފަހަރަކުއެވެ.

ޙުކުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއީ އިންސާފުވެރި ޙުކުމެއްކަމަށް ޤަބޫލުކުރައްވައިކަމަށެވެ. ނަމަވެސް ފުލޮޔިޑުގެ ޢާއިލާއިން ބުނީ އޭނާގެ މަރާއެކު ޢާއިލާއަށް ލިބުނީ އުމުރު ދުވަހުގެ ޙުކުމެއްކަމަށާއި ޝޫވިންނާ ދެކޮޅަށް އިއްވި ޙުކުމަކީ އޭނާ ކުރި ކުށާ އަޅައިބަލާނަމަ ހިތްހަމަޖެހޭ ޙުކުމެއް ނޫންކަމަށެވެ.

ޢުމުރުން 45 އަހަރުގެ ޝޫވިންގެ ޙުކުމު ތަންފީޒުކުރާނީ ކޮން ޖަލެއްގައިކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އޭނާއާ ދެކޮޅަށް އުފުލި ދަޢުވާތައް ސާބިތުވިފަހުން އޭނާ ބަންދުކޮށްފައިވަނީ މިނެސޯޓާގެ ސަލާމަތީކަންކަން އެންމެ ވަރުގަދަ ޖަލުތަކުގެ ތެރެއިން ޖަލެއްގައެވެ. މިނެސޯޓާގައި އަޙްލާޤު ރަނގަޅު ޤައިދީންގެ ޙުކުމުގެ ތިންބައިކުޅަ ދެބައި ތަންފީޒުކުރުމުން ޖަލުން ދޫކޮށްލައެވެ. އެހެންކަމުން 22 އަހަރާއި ފަސް މަސް ދުވަހުގެ ހުކުމެއް ޝޫވިނާ ދެކޮޅަށް ކުރި ނަމަވެސް 15 އަހަރުގެ ތެރޭގައި ޖަލުން ނުކުމެވުމުގެ ފުރުޞަތު އޭނާއަށް އޮންނާނެއެވެ.