ޚަބަރު

އެމެރިކާގެ މަޔާމީގައި ހުރި 22 ބުރީގެ އިމާރާތެއް ވެއްޓިއްޖެ


އެމެރިކާގެ މަޔާމީ ކައިރީގައި އޮންނަ އަވަށެއްގައި ހުރި 12 ބުރީގެ އިމާރާތެއްގެ އެއްބައި ވެއްޓި އެކަކު މަރުވެ އެތައް ބަޔަކު އެ އިމާރާތުގެ ދަށުގައި ތާށިވެއްޖެއެވެ.

1981ވަނަ އަހަރު އަތިރިމަތީ ސަރަޙައްދެއްގައި އިމަރާތްކޮށްފައިވާ އެ އިމާރާތުގެ އެއްބައި ކުއްލިއަކަށް ވެއްޓުނު ވަގުތު އެތެރޭގައި ތިބީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ. އެ އިމާރާތް ވެއްޓުނީ ދަންވަރުގެ ވަގުތެއްގައިކަމުން ގިނަ ޢަދަދެއްގެ މީހުން ތިބީ ނިދާފައިކަމަށް ބެލެވެއެވެ. ވީނުވީއެއް ނޭނގި 99 މީހުން ގެއްލިފައިވާކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ. އިމާރާތުގެ ވެއްޓުނު ފަޅި ނޫން އެހެން ސަރަޙައްދުތަކުގައި ތިބި މީހުންވަނީ އިމާރާތުން ބޭރަށް ނެރެފައެވެ.

އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މަރުވިކަމަށް މިހާތަނަށް ޔަޤީންވެފައިވަނީ އެންމެ މީހެއް ނަމަވެސް އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ. އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާތީ އެމީހުން އެތަނުން ސަލާމަތްކޮށް ފުރާނަ ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް ބެލެވެއެވެ.

އިމާރާތުގެ އެއްބައި ވެއްޓުމުން އެ އިމާރާތުގައި ހުންނަ 136 އެޕާޓުމަންޓުގެ ތެރެއިން 55 އެޕާޓުމަންޓަށްވަނީ އަސަރުކޮށްފައެވެ. ތާށިވެފައިވާ މީހުންގެ ތެރެއިން 35 މީހުން މިހާތަނަށްވަނީ ސަލާމަތްކޮށްފައެވެ. އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.