ޚަބަރު

ކޮޕު26ގެ ކާމިޔާބީ ބަރޯސާވަނީ ޤައުމުތަކުންދޭ މާލީ އެހީތެރިކަމުގެ މައްޗަށް: އދ


ކުރިއަށްއޮތް ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމީ ބަދަލުތަކާގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގެ ކާމިޔާބީ ބަރޯސާވަނީ މުއްސަނދި ޤައުމުތަކުން ފައިސާގެ އެހީތެރިކަންދޭ މިންވަރުގެ މައްޗަށްކަމަށް އދން ބުނެފިއެވެ.

ސްކޮޓުލެންޑުގެ ގުލާސްގޯގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކޮޕު26 ބައްދަލުވުން ފެށުމަށް ފަސްމަހަށް ވެފައިވަނިކޮށް މޫސުމީ ބަދަލުތަކާގުޅޭ ކަންކަމަށް ޚަރަދުކުރުމަށް ޤައުމުތަކުން ވަޢުދުވެފައިވާ ފައިސާއާ ގުޅިގެން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ. 2009ވަނަ އަހަރުގެ ތެރޭގައި ފަޤީރު ޤައުމުތަކަށް މުއްސަނދި ޤައުމުތަކުން ގުޅިގެން ކޮންމެ އަހަރަކު ދިނުމަށް ކަނޑައެޅި 100 ބިލިޔަން އެމެރިކާ ޑޮލަރު ބައެއް ޤައުމުތަކުން ދީފައެއް ނުވެއެވެ. 2018ވަނަ އަހަރު މުއްސަނދި ޤައުމުތަކުން ދީފައިވަނީ ގާތްގަނޑަކަށް 80 ބިލިޔަން ޑޮލަރެވެ. އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބޮޑެތި ތޫފާންތަކުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ގޮންޖެހުންތައްވަނީ ކުރިމަތިވެފައެވެ.

އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވިދާޅުވީ ކުރިއަރަމުން އަންނަ ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކާ ދެމެދު އިތުބާރު ޤާއިމުކުރަންޖެހޭކަމަށެވެ. އެކަން ޙާޞިލުކުރެވޭނީ ވަޢުދުވެފައިވާ ގޮތާ އެއްގޮތަށް ޢަމަލުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. ބައްދަލުވުންތަކުގައިވި ވަޢުދުތަކަކީ ރަމްޒީ ވަޢުދެއް ނޫންކަމާއި އެ ވަޢުދާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މޫސުމީ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް އެދެވޭނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ކޮޕު26 ބައްދަލުވުމުގައި ތިމާވެއްޓަށް ގެއްލުންދޭ ގުރީންހައުސް ގޭސް މަދުކުރާ މިންވަރު އަވަސްކުރުމަށް ޤައުމުތަކަށް ގޮވައިލާނެއެވެ. އަދި 2015ވަނަ އަހަރު ބޭއްވި ކޮޕް21 ބައްދަލުވުމުގައި އެއްބަސްވި ޕެރިސް އެގުރިމަންޓުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ޤަވާޢިދުތަކެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ތިމާވެއްޓާގުޅޭ ކަންކަމަށް ޚަރަދުކުރާނެ ގޮތްތަކާމެދު ތަފްޞީލުކޮށް މަޝްވަރާކުރާނެއެވެ.

ޖައްވުގެ ތެރެއަށް އެންމެ ގިނައިން ގުރީން ހައުސް ގޭސްތައް ދޫވަނީ މުއްސަނދި އަދި ކުރިއަރާފައިވާ ޤައުމުތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަނީ ފަޤީރު އަދި ކުރިއަރަމުން އަންނަ ޤައުމުތަކަށެވެ. ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދުތައް އޮންނަ ޖީ7ގެ ޤައުމުތަކުން މިމަހުގެ ތެރޭގައިވަނީ މޫސިމީ ކަންކަމަށް އެ ޤައުމުތަކުން ޚަރަދުކުރާ މިންވަރު އިތުރުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް ފައިސާ ޚަރަދުކުރާނެކަމުގެ ޔަޤީންކަން ދީފައިވަނީ ކަމައެކަނި ކެނެޑާއާއި ޖަރުމަނުވިލާތުންނެވެ. ގުތޭޚެޝްވަނީ ވިލާތުގެ ޤައުމުކުންދޭ އެއްބާރުލުން އިތުރުކުރުމަށް އެ ޤައުމުތަކަށް ގޮވައިލައިފައެވެ.