ޚަބަރު

އެމެރިކާ ސިފައިންނަށް ބަސްދޭހަކޮށްދޭ އަފްޣާނިސްތާނުގެ ރައްޔިތުން ޤައުމު ދޫކޮށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދެނީ


އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަންނަ ސެޕުޓެންބަރު މަހުގެ ތެރޭގައި އެ ޤައުމުން ފޭބުމުގެ ކުރިން އެމެރިކާގެ ސިފައިންނަށް ބަސް ދޭހަކޮށްދިނުމުގައި ޙަރަކާތްތެރިވާ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެމީހުންގެ ޢާއިލާއަށް ޤައުމު ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.

ބަސްދޭހަކޮށްދޭ މީހުންނާއި އެމީހުންގެ ޢާއިލާ ހިމެނޭގޮތަށް 50،000އެއްހާ މީހުންނަކީ އެމެރިކާގެ އަސްކަރިއްޔާއަށް މަސައްކަތްކޮށްދީފައިވާތީ އެ ޤައުމުން އެމެރިކާގެ ސިފައިން ފޭބުމުން ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުގައި ހުންނަވާ ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި އެމެރިކާގެ އަސްކަރިއްޔާއަށް އެހީތެރިވެދިން މީހުންނަށް އެމެރިކާއިން މަރުޙަބާ ކިޔާނެކަމަށެވެ. އަފްޣާނިސްތާނު ދޫކޮށް ދިޔުމުގެ ފުރުޞަތު މަގުފަހިކޮށްދިނުމުން ނުރައްކަލަށް ހުށަހެޅިފައިވާ ބަސްދޭހަކޮށްދޭ މީހުންގެ ވީޒާގެ ކަންކަން ރައްކާތެރިކަމާއެކު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެމީހުން ގެންދަނީ ކޮންތަނަކަށްކަމެއް ނުވަތަ ކިތައް މީހުންކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެންމެނަކީވެސް ވީޒާ ހޯދުމުގެ މަރުޚަލާ ފަށާފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންކަން އެމެރިކާއިންވަނީ ޔަޤީންކޮށްދީފައެވެ. ޔޫއޭއީއާއި ބަހުރައިންނާއި ޤަޠަރާއި ކުވައިތުފަދަ ޤައުމުތަކަށް އެމީހުން ގެންދާނެކަމަށް ބެލެވެއެވެ.

ބަސްދޭހަކޮށްދޭ މީހުންނަށް ރައްކާތެރިކަން ދޭނެކަމަށް އެމެރިކާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި އެމެރިކާގެ ރައީސާ ބައްދަލުކުރައްވަން އެއް ދުވަހަށްވެފައި ވަނިކޮށެވެ. އެ ބައްދަލުވުން ބާއްވަނީ އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ދިމާކޮށް ޠާލިބާނުންގެ ޙަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބި ނަމަވެސް އަފްޣާނިސްތާނަށް އެމެރިކާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ބައިޑަން ދެއްވާނެކަމަށް ބެލެވެއެވެ.