ޚަބަރު

ބަނޑަށް ޖެހުމުގެ ނުރައްކަލުގައި 41 މިލިޔަން މީހުން އެބަތިބި: އދ


ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ 41 މިލިޔަނަށްވުރެ ގިނަ މީހުން ބަނޑަށް ޖެހުމުގެ ބިރުވެރިކަން ކުރިމަތިވެފައިވާކަމަށް އދން ބުނެފިއެވެ.

ދުނިޔޭގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ އދގެ އިދާރާކަމަށްވާ ޑަބުލިޔުއެފުޕީން ބުނީ އެންމެ އާދައިގެ ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލުމުގެ ސަބަބުން ކާބޯތަކެތި ޔަޤީންކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެ ގޮތުން 41 މިލިޔަން މީހުން ބަނޑަށް ޖެހުމާ ގާތްވެފައިވާކަމަށާއި ހަތަރު ޤައުމެއްގއި އިތުރު ބައި މިލިޔަން މީހުންގެ ޙާލަތު ގޯސްވަމުންދާކަމަށް އެ އިދާރާއިން ބުނެއެވެ. 43 ޤައުމެއްގައި ނާޒުކު ޙާލަތަށް ހުށަހެޅިފައިވާ މީހުންނަށް އެހީތެރިވުމަށް 6 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެތައް އަހަރެއް ވަންދެން ބަނޑަށް ޖެހޭ މީހުންގެ ޢަދަދު ދަށަށް ދިޔުމަށްފަހު 2016ވަނަ އަހަރުން ފެށިގެން އެ ޢަދަދުވަނީ އަނެއްކާވެސް މައްޗަށް ދާން ފަށައިފައެވެ. ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކަކީ ޙާލަތު ގޯސްވަމުންދާ މައިގަނޑު ބައެއް ސަބަބުތަކެވެ.

ޑަބުލިޔުއެފުޕީގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި 2019ވަނަ އަހަރު 27 މިލިޔަން މީހުންވަނީ ބަނޑަށް ޖެހުމާ ގާތްވެފައެވެ. ނަމަވެސް 2020ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19 ފެތުރެން ފެށުމުން ބަލިމަޑުކަމުގެ ޙާލަތުގައި ތިބި މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ކާބޯތަކެތީގެ އަގު ނުއުފުލޭ މިންވަރަށް މިދިޔަ މެއި މަހުގެ ތެރޭގައި ކާބޯތަކެތީގެ އަގުވަނީ އުފުލިފައެވެ. އެ ގޮތުން ގޮދަނާއި ކިރުގެ ބާވަތްތަކާއި އެއްގަމު މަހާއި ހަކުރުގެ އަގުވަނީ މިދިޔަ އަހަރުގެ އަގުތަކަށްވުރެ 40 އިންސައްތަ އިތުރުވެފައެވެ. ލުބުނާނާއި ނައިޖީރިޔާއާއި ސޫދާނާއި ވެނެޒުއެލާއާއި ޒިންބާބުވޭފަދަ ޤައުމުތަކުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ކާބޯތަކެތި ޔަޤީންކުރުމަށްވަނީ ހުރަސްއެޅިފައެވެ. އިތިޔޯޕިޔާއާއި މަޑަގަސްކަރައާއި ދެކުނު ސޫދާނާއި ޔަމަނުގެ އިތުރުން ނައިޖީރިޔާގެ ބައެއް ސަރަޙައްދުތަކުގެ ޙާލަތުވެސް ދަނީ ގޯސްވަމުންނެވެ.

ދުނިޔޭގެ އާބާދީގެ 9 އިންސައްތަ ނުވަތަ 690 މިލިޔަން މީހުންނަކީ ބަނޑުހައި ހޫނުކަމާ ކުރިމަތިލަމުންދާ މީހުންކަމަށް ޑަބުލިޔުއެފުޕީން ބުނެއެވެ.