ޚަބަރު

ޓިގްރައިގެ ބައެއް ސަރަޙައްދުތައް އޮތީ އެރިތުރެޔާގެ ބާރުގެ ދަށުގައި: އދ


އިތިއޯޕިޔާގެ ޓިގްރައިގެ ބައެއް ސަރަޙައްދުތައް އެރިތުރެޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް އެރިތުރެޔާގައި ހުންނަވާ އދގެ އިންސާނީ ހައްޤުތަކާބެހޭ ޚާއްޞަ މަންދޫބެއްކަމަށްވާ މުޙައްމަދު ޢަބްދުއްސަލާމު ބަބީކަރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިތިއޯޕިޔާގެ އަސްކަރިއްޔާއިންވަނީ ޓިގްރައިގައި ސަރަޙައްދީ ވެރިކަން ކުރަމުންދިޔަ ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު ޓީޕީއެލްއެފުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވެ ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ކާބޯތަކެއްޗާއި ބޭސްފަދަ ތަކެތި ހޯދުމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންނަށްވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙުމަދުވަނީ އިތިއޯޕިޔާގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ ފައުޖުތައް އަނބުރާ ގެންދިޔުމަށް އެރިތުރެޔާއިން އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. އެރިތުރެޔާގެ ފައުޖުތައް ޓިގްރައިގައި ޙަރަކާތްތެރި ނުވާކަމަށް އެ ޤައުމުން ފާއިތުވި މަސްތަކުގައި ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. ނަމަވެސް ފަހުންވަނީ އެ ސަރަޙައްދުގައި އެ ޤައުމުގެ ފައުޖުތައް ޙަރަކާތްތެރިވާކަމަށް އެއްބަސްވެފައެވެ. ޓިގުރައިގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި އެ ޤައުމުގެ ފައުޖުތަކުގެ ބައިވެރިވުމެއް ނޯންނާނެކަމަށްވެސް އެރިތުރެޔާއިން ބުނެފައިވެއެވެ.

ޓިގްރައިއާ ގުޅޭގޮތުން އދން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެރިތުރެޔާގެ ފައުޖުތަކުން އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލެއް ހިންގާފައިވާކަމަށެވެ. އެ ގޮތުން ޓިގްރައިއަށް ހިޖުރަކޮށްފައިވާ އެރިތުރެޔާގެ ޢާންމުންނަށް ޙަމަލާތައް ދިނުމަށްފަހު އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން އެ މީހުން ވަގަށް ނެގުންފަދަ ކަންކަން ކޮށްފައިވަނީ އެރިތުރެޔާގެ ސިފައިންކަމަށް ބެލެވޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޢާންމުންނަށް ޖިންސީ ގޯނާކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށްވެސް އެ ރިޕޯޓުގައި ތުޙްމަތުކޮށްފައިވެއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ވާހަކަދައްކަވަމުން އެރިތުރެޔާގެ އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ މަންދޫބު ބާބިކަރު ވިދާޅުވީ ޓިގްރައިގެ ބައެއް ސަރަޙައްދުތައް އޮތީ އެރިތުރެޔާގެ ބާރުގެ ދަށުގައިކަމަށެވެ. އެ ގޮތުން އެރިތުރެޔާއިން ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ވަގަށް ނަގާފައިވާ މީހުންނަށް ވީނުވީއެއް ނޭނގޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެރިތުރެޔާއާ ދެކޮޅަށް ކުރެވޭ ތުޙްމަތުތައް މިނިވަން މުވައްސަސާއަކުން ތަޙްޤީޤުކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

އދގެ ރިޕޯޓާ ގުޅޭގޮތުން އެރިތުރެޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުންވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސިޔާސީ މަޤްޞަދެއްގައި އެރިތުރެޔާއާ ޖައްސާލާފައިކަމަށެވެ. އަދި އދން ދީފައިވާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުތަކެއް ނޫންކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އެރިތުރެޔާގެ ފައުޖުތަކުން ޖިންސީ ގޯނާއާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމަށް ކުރެވޭ ތުޙްމަތުތަކުގައި ޙަޤީޤަތެއް ނެތްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.