ޚަބަރު

ޔޫރޯގެ ސަބަބުން ކޯވިޑް-19ގެ ޙާލަތު ގޯސްވެދާނެކަމުގެ ބިރުބޮޑުވެއްޖެ


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވައި ޤައުމުތަކުން ލުއިތަކެއް ދިނުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާކަމަށްވާ ޑަބުލިޔުއެޗުއޯއިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ޑަބުލިޔުއެޗުއޯގެ ވިލާތުގެ ސަރަޙައްދީ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ރޮބު ބަޓުލާ ވިދާޅުވީ ޔޫއޯ ބާއްވައި ޤައުމުތަކުގައި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން ކަންބޮޑުވާކަމަށާއި މެޗުތައް ބާއްވާ ބައެއް ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފަށާފައިވާކަމަށެވެ. އެފަދަ ސަރަޙައްދުތަކުގެ ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ތަޙްލީލުކުރުން އިތުރުކޮށް ކޮންޓެކްޓު ޓުރޭސިންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި ވެކްސިން ދެމުންދާ ދުވެލި ވަރަށް ބޮޑަށް އިތުރުކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

މެޗުތައް ބާއްވައި ބައެއް ސްޓޭޑިއަމުތަކަށް ވަދެވޭ މީހުންގެ ޢަދަދު ކުރިން ކަނޑައަޅާފައިވާ ޢަދަދުތަކަށްވުރެ އިތުރުކުރަމުންދާކަމަށްވެސް ޑަބުލިޔުއެޗުއޯއިންވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެފަދަ ނިންމުންތައް ނިންމާފައިވަނީ ކޮން ސަރަޙައްދުތަކެއްގައި ކަމެއް ޑަބުލިޔުއެޗުއޯއިން ނުބުނެއެވެ. ޑަބުލިޔުއެޗުއޯއިން އެހެން ބުނެފައިވަނީ ޖޫން މަހުގެ 22ވަނަ ދުވަހު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލު މެޗު ބެލުމަށް ލަންޑަނުގައި ހުންނަ ވެންބުލީ ސްޓޭޑިއަމަށް ވަދެވޭ މީހުންގެ ޢަދަދު 40،000ން 60،000އަށް އިތުރުކޮށްފައިވަނިކޮށެވެ. މީގެ ކުރިން ދަނޑުތަކަށް ވެއްދުމަށް ހަމަޖައްސާފައިވަނީ ތަނުގެ ޖާގައިގެ 50 އިންސައްތައަށްވާ ޢަދަދަށެވެ. މެޗު ބަލަން ދަނޑަށް ވަންނަ މީހުންނަށް ކޯވިޑް-19 ޖެހިފައި ނުވާކަން ޔަޤީންކޮށްދޭ ލިޔުމެއް އޮންނަން ޖެހެއެވެ. ނުވަތަ ވެކްސިންގެ ދެ ޑޯޒު މެޗަށް ހާޒިރުވުމުގެ 14 ދުވަސްކުރިން ފުރިހަމަކޮށްފައިވާކަމުގެ ލިޔުމެއް އޮންނަންޖެހެއެވެ.

ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި މެޗުތައް ބެލުމަށް ގޮސްފައިވާ 29 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި އެ ޢަދަދު އިތުރުވުމުގެ ފުރުޞަތު އޮތްކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ޑެންމާކަކީ ދަނޑަށް ވައްދާ ބެލުންތެރިންގެ ޢަދަދު އިތުރުކުރި ޤައުމެކެވެ. ރަޝިޔާގެ ޕީޓާސްބާގުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެ ޤައުމުންވެސްވަނީ ބުނެފައެވެ.