ވިޔަފާރި

ހޯމް ސްޓޭއަކީ ފަތުރުވެރިކަން ވާށާ ޖެއްސުމަށް މުހިއްމު ޕްރޮޑަކްޓެއް: މައުސޫމް


ހޯމް ސްޓޭއަކީ ރާއްޖޭގެ ފަތުރުވެރިކަން ވަށާ ޖައްސާލުމަށް ތަޢާރަފުކުރުން މުހިންމު ޕްރޮޑަކްޓެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ޑރ. މައުސޫމް ވިދާޅުވީ، ހޯމް ސްޓޭއަކީ ރާއްޖެއަށް އާ ކޮންސެޕްޓެއް ނޫން ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ހޯމް ސްޓޭއަކީ ރާއްޖޭގައި ޒާމާނުއްސުރެ ކުރެވެމުން އައި ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ހޯމް ސްޓޭއަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސިޔާސަތެއް ކަމަށްވާ ރަށްރަށަށް ފަތުރުވެރިކަން ގެނައުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ޓުއަރިޒަމް ޑައިވާސިފިކޭޝަން ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ އެއް ކެޓެގަރީކަމަށެވެ.

ބައެއް ފަރާތްތަކުން ހޯމް ސްޓޭއާއި ގުޅިގެން ސޯޝަލް މީޑިއާގައި މިކަން ރެގިއުލޭޓް ކުރެވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ޤަވާއިދުތައް އޮވެ ޤަވާއިދުތައް ތަންފީޒު ނުކުރެވޭ ވާހަކައަކީ މިހާރުވެސް ދެކެވޭ ވާހަކައެއްކަމަށެވެ. ނަމަވެސް އާ ކައުންސިލުތަކާއެކު ބޭއްވި ބައްދަލުވުންތަކުން ކައުންސިލުތަކުން މިޤަވާއިދުތައް ތަންފީޒު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ އުއްމީދު އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ކުރެވިގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ހޯމް ސްޓޭ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކޮލިޓީ ދަމަހައްޓާ ޕްރޮޑަކްޓެއް ތާޢާރަފުކޮށް އެތަނުގެ ފެންވަރު ހިފަހައްޓާނެ މިންތަކެއް ތަޢާރަފު ކުރެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ސަޤާފަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންތަކާއި މިންތަކެއްވެސް ކަނޑައެޅިގެން ދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.

"އަޅުގަނޑުމެން ޤާނޫނުތަކުގެ ތެރެއިން ރަނގަޅަށް، ރަށުގެ ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދެވޭ ގޮތަށް ބައްޓަން ކުރީމަ ވަރަށް ރަނގަޅުވާނެ. މިވީތަނަށް 30 ވަރަކަށް އަހަރު ވެއްޖެ މިކަންތައް ގިނަ ޤައުމުތަކެއްގަ ފެށުނުތާ. އަދި އެހެން ޤައުމު ތަކުގައި އިޔަށް ވުރެ ގިނަ އަހަރު ވެދާނެ. އޭގެއިން ލިބުނު ފިލާވަޅުތަކެއް ހުންނާނެ. އޭގެ އަލީގައި މިޤަވާއިތަށް ހަދަން ޖެހޭނީ. އަދި މިޤަވާއިދުތައް ޖެހޭނެ ރާއްޖޭގެ މާހައުލަށް ބައްޓަން ކުރަން" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ހޯމް ސްޓޭ ތަޢާރަފުވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ވާށާޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު އަޕްމާކެޓު ގިނަ އެނދުތަކެއް ހުރުމާއިއެކު ފަތުރުވެރިންނަށް ވެސް އެނދުތައް ހޯދުމަށް ދަތިތަކެއް ހުންނަ ކަމަށާއި، މިކަމަށް ހައްލެއް ގެނެވޭނީ ކްރިޓިކަލް ވޮލިއުމް އިތުރު ކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި، ރަށްރަށަށް ފަތުރުވެރިކަން ދާއިރު، އަންހެނުންގެ ދައުރު ފުޅާ ކުރުމަށްވެސް މިހާރު މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ކުދި ވިޔަފާރިތަކުން ފެށިގެން އޯނަރުންގެ ގޮތުގައި ވެސް އަންހެނުން ހަރަކާތްތެރިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ކައުންސިލްތަކާއެކު އަންހެނުންގެ ކޮމެޓީތަކާވެސް ބައްދަލުވުންތައް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.