ޚަބަރު

ނިޔުކްލިޔަރ އެއްބަސްވުމުގައި އީރާނުގެ މިސައިލް މަޝްރޫޢުވެސް ހިމެނުމަށް ބާރުއަޅަނީ


ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ވެފައިވާ ނިޔުކްލިޔަރ އެއްބަސްވުމުގައި އެ ޤައުމުގެ މިސައިލް މަޝްރޫޢާ ގުޅޭ އެއްވެސް މާއްދާއެއް ނުހިމެނުމަކީ ނުރައްކާތެރިކަމެއްކަމަށް ޢަރަބި ޤައުމުތަކުން ބުނެފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަލުން އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އަދި އެއްބަސްވުމަށް އަލުން ޢަމަލުކުރާނެ ގޮތްތަކާމެދު ދުނިޔޭގެ ބާރުތަކުން ދަނީ އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި އިރާނާއެކު މަޝްވަރާތައް ކުރަމުންނެވެ.

އެއްބަސްވުމުގައި މުހިންމު ގިނަ މައްސަލަތަކެއް ދޫވެފައިވާކަމަށް އަބަދުވެސް ބުނަމުންދާ ގަލްފުގެ ޤައުމުތަކުންވަނީ އެއްބަސްވުން އަލުން އިޢާދަކުރުމުގެ މަޝްވަރާތަކުގައި އެ ޤައުމުތައް ބައިވެރިކުރުމަށް ގޮވައިލައިފައެވެ. ގަލްފުގެ ޤައުމުތަކުން ބޭނުންވަނީ އެއްބަސްވުމުގައި އިތުރު މާއްދާތަކެއް ހިމަނައި އެ ޤައުމުތަކުގެ މަސްލަޙަތު ރައްކާތެރިކުރުމަށެވެ. އެ ގޮތުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އީރާނުން ކުރުން މަނާކަންކަން އިތުރުކުރަން ޢަރަބި ޤައުމުތަކުން ބޭނުންވެއެވެ. އަދި ސަރަޙައްދީ ހަމަނުޖެހުން ނުއުފެދޭނެފަދަ ގޮތަކަށް އެއްބަސްވުމުގައި ކަންކަން ހިމެނުމަށްވަނީ ގޮވާލައިފައެވެ. ނަމަވެސް 2015ވަނަ އަހަރުގެ އެއްބަސްވުމުގައި އިތުރު ކަންކަން ހިމެނުމަށް އީރާނުން ދެކޮޅުހަދައެވެ.

ސަޢުދީ ޢަރަބިއްޔާގައި ގަލްފުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރުމަށްފަހު ނެރެނު ބަޔާނެއްގައި ގޮވާލާފައިވަނީ މަޝްވަރާތަކުގައި އެ ޤައުމުތައް ބައިވެރިކުރުމަށާއި މަޝްވަރާތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަމަށާއި ހަރުދަނާ މަޝްވަރާތަކެއް އެ ޤައުމުތަކުން ކުރާނެކަމަށެވެ. އީރާނުގެ މިސައިލް މަޝްރޫޢުގެ ސަބަބުންނާއި ސަރަޙައްދީ ހަނގުރާމަތަކުގައި އީރާނުން ޢަދާކުރަމުންދާ ދަޢުރުގެ ސަބަބުން ނުކުމެދާނެ ނަތީޖާތައް ނިޔުކްލިޔަރ އެއްބަސްވުމާ ވަކިކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްގެ ގޮތުގައި އެ ބަޔާނުގައިވ ފާހަގަކޮށްފައިވެއެވެ.

2016ވަނަ އަހަރުގެ ތެރޭގައި ގުޅުން ކަނޑާލާފައިވާ ސަޢުދީ ޢަރަބިއްޔާއާއި އީރާނުންވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ މަޤްޞަދުގައި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މަޝްވަރާތައް ފަށައިފައެވެ. އީރާނުން ވާގިވެރިވާ ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި ދެ ޤައުމުގެ ވާދަވެރިކަންވަނީ މެދުއިރުމަތީގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.