ޚަބަރު

އިޖުތިމާޢީ މަސައްކަތްތެރިން ވެކްސިން ޖެހުމަށް އިނގިރޭސިވިލާތުން މަޖުބޫރުކޮށްފި


އިނގިރޭސިވިލާތުގެ ބަލިމީހުންނާއި ދުވަސްވީ މީހުން ބަލަހައްޓައި މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން ކޯވިޑް-19އަށް ވެކްސިން ޖެހުމަށް މަޖުބޫރުކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19ގެ ވެކްސިން ޖެހުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ނަމަވެސް ބަލިމީހުންނާއި ދުވަސްވީ މީހުން ބަލަހައްޓައި މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުންނަކީ ބައްޔަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހުންކަމަށްވުމުން އެފަދަ މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އެ ތަންތަނުގައި މަސައްކަތްކުރާ މީހުން ވެކްސިން ޖެހުމަށް މަޖުބޫރުކުރުމަށް ސަރުކާރުންވަނީ ނިންމައިފައެވެ. ވެކްސިން ޖެހުން މަޖުބޫރުކުރުވާފައިވާ މީހުންގެ ތެރޭގައި އެފަދަ މަރުކަޒުތަކުގައި އެހެނިހެން މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ. އެގޮތުން ވިޔަފާރިވެރިންނާއި ބޯކޮށާމީހުންފަދަ މީހުންވެސް އެ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ. އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކް ވިދާޅުވީ ޞިއްޙީ ޚިދުމަތްތެރިން ވެކްސިން ޖެހުމަށް މަޖުބޫރުކުރުވުމަށްވެސް ސަރުކާރުން ވިސްނަމުންދާކަމަށެވެ.

ބަލިމީހުންނާއި ދުވަސްވީ މީހުން ބަލަހައްޓައި މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން ވެކްސިން ޖެހުމަށް މަޖުބޫރުކުރުން ތަންފީޒުކުރާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އެ ޤަވާއިދު ތަންފީޒުކުރުމަށް 16 ހަފުތާ ދޭނެއެވެ. ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އިޖުތިމާޢީ މަސައްކަތްތެރިންގެ ތެރެއިން 1.2 މިލިޔަނަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާކަމަށެވެ. އެއީ އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގާތްގަނޑަކަށް 78 އިންސައްތައެވެ.

އިނގިރޭސިވިލާތުގައި ބައެއް މަސައްކަތްތެރިން ވެކްސިން ޖެހުމަށް މަޖުބޫރުކުރުވުމުން ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ގޮތުން ވެކްސިން ޖެހުމުގެ އިޚްތިޔާރު ޢާންމުންނަށް ލިބެންޖެހޭނެކަމަށް ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންވަނީ ބުނެފައެވެ. ސަރުކާރުގެ ނިންމުމަކީ އެހެން ދާއިރާތަކުގެ މީހުންވެސް ވެކްސިން ޖެހުމަށް މަޖުބޫރުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި މެންބަރުންވަނީ ސިފަކޮށްފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ޞިއްޙީ ޚިދުމަތްތެރިން ކޯވިޑް-19ގެ ވެކްސިން ޖެހުން މަޖުބޫރުކުރި ފުރަތަމަ ޤައުމަކީ އިޓަލީވިލާތެވެ. އެ ޤައުމުން އެ ޤަވާއިދު އެކުލަވާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާކަމަށް ސާބިޔާއިންވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ޢާންމު ޚިދުމަތުގައި މަސައްކަތްކުރާ މީހުން ކޯވިޑް-19ގެ ވެކްސިން ޖެހުމަށްވަނީ އަންގައިފައެވެ. ސަޢުދީ ޢަރަބިއްޔާއިންވެސްވަނީ އެފަދަ ނިންމުންތަކެއް ނިންމައިފައެވެ.