ޚަބަރު

ބެނެޓުގެ ވެރިކަމުގެ ދެވަނަ ދުވަހު ޣައްޒާއަށް ޙަމަލާ ދީފި


އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ ވެރިކަމުގެ ދެވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ޙަމަލާ ދީފައިވަނީ ކުރީގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއެކު ވަޤުތީ ގޮތުން ޞުލްޙަ ޤާއިމުކޮށް، ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށެވެ.

މިދިޔަ މެއި މަހުގެ 10ން 21އަށް ޔަހޫދީ ފައުޖުތަކާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލިފަހުން ގާތްގަނޑަކަށް އެއް މަސް ދުވަސް ފާއިތުވުމަށްފަހު އިސްރާއީލުންވަނީ ޣައްޒާއަށް އަމާޒުކޮށް އަނެއްކާވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ދީފައިވަނީ 1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް އިސްތިޢުމާރު ކުރިކުރުން ފާހަގަކުރުމުގެ ގޮތުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އެ ސަރަޙައްދުގައި ހިނގާލުމެއް ބާއްވައި ފަލަސްޠީނުގެ ރައްޔިތުން މަރާއި އެ މީހުންގެ އަވަށްތައް އަންދަން ގޮވާލާފައިވަނިކޮށެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ބުނީ ޙަމާސްގެ އަސްކަރީ މަޤާމުތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ގޮވާ ޒާތުގެ ފުއްޕާހަންތަކެއް ޣައްޒާގެ ސަރަޙައްދުން އިސްރާއީލަށް ފޮނުވުމުންކަމަށެވެ. އެ ފުއްޕާހަންތަކަކީ ބިމުގައި ޖެހުމުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި އަލިފާންވަނީ ރޯވެފައެވެ. ޙަމާސާ ދެކޮޅަށް އަލުން ޙަމަލާބަދަލުކުރުމަށް ތައްޔާރަށް އޮތްކަމަށްވެސް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ބުނެފައެވެ. ރައްދުގައި ޙަމާސުން ބުނީ ޤުދުސްގެ ދިފާޢުކޮށް ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ޙައްޤުގައި ހިތްވަރާއެކު ޔަހޫދީންނާ ކުރިމަތިލުމުގައި އެ ޖަމާޢަތުން ދެމިތިބޭނެކަމަށެވެ.

ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތަކުންވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރިވުން މަނާކޮށްފައެވެ. އަދި އެއީ އިސްރާއީލުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައެއްވެސް ނުގަނެއެވެ. ނަމަވެސް އިސްރާއީލުން މަސައްކަތް ކުރަނީ ޤުދުސަކީ ޔަހޫދީންގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.