ޚަބަރު

އެއާޕޯޓެއް ވިއްކާލުމުގެ ވިސްނުމެއް އަދި ނިޔަތެއްވެސް ނެތް: ފައްޔާޒް


ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއެއް މިހާ ހާމަކަން ބޮޑުކޮށް ފުރަތަމަ ފަހަރަށް އެކުލަވާލީ މިސަރުކާރުން ކަމަށާއި، އެއްވެސް ބިދޭސީ ފަރާތަކަށް އެއްވެސް އެއަރޕޯޓެއްގެ ހިއްސާ ސަރުކާރުން ވިއްކާލަން ނުއުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އާދީއްތަ ދުވަހު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހާ ގުޅިގެން ހުރި ކަންބޮޑުވުންތައް ސާފު ކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ފޮރިން އިންވެސްޓްމެންޓް ޕޮލިސީ މިހާ ސާފުކޮށް ހާމަކޮށްފައި ނުވާނެ ކަމަށެވެ.

އާދީއްތަ ދުވަހު މިޕޮލިސީ އަށް ގެނެވުނު އިސްލާހުގެ ދަށުން %100 ބިދޭސީ ކުންފުނިތަކަށް ރާއްޖޭގެ އެއަރޕޯޓުތައް ހިންގުމުގެ މަގުފަހިކޮށްދެއެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވި ގޮތުގައި، މިޕޮލިސީ އަށް ބަދަލު ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މިފަދަ ޕޮލިސީތައް އޮންނަ މިންގަޑާއި އެއްގޮތަށް ކަމަށެވެ. އަދި މި އިސްލާހާއި އެކު، ރާއްޖޭގެ އެއަރޕޯޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ކުރައްވާ ތުހުމަތުތައް މިނިސްޓަރ ވަނީ ދޮގު ކުރައްވާފައެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިހާރު ޤާއިމު ކުރެވިފައި ހުރި އެއްވެސް އެއަރޕޯޓަކަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް މިހާތަނަށް ހުށަހަޅާފައިވެސް ނުވާ ކަމަށާއި، އަދި އެއްވެސް އެއާޕޯޓެއްގެ ހިއްސާ ދޫކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިވަގުތު މިއިސްލާހު ގެންނަން ނިންމީ މިހާރު ސަރުކާރުން ތަރައްޤީ ކުރުމަށް ހުޅުވާލާ އެއަރޕޯޓުތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލައި ކަމަށެވެ. އެގޮތުން ދަައުލަތުގައި މިވަގުތު 4 އެއަރޕޯޓު ތަރައްޤީކޮށް ހިންގުމުގެ ކެޕޭސިޓީ ނެތް ކަމަށާއި، އެހެން ކަމުން ލޯން ނެގެން އޮތް ނަމަ ލޯން ނަގައިގެން ވިޔަސް ނުވަތަ ޕްރައިވެޓް އިންވެސްޓްމެންޓް މެދުވެރިކޮށްވެސް މިކަން ކުރެވިއްޖެނަމަ އެއެއަރޕޯޓު ތަރައްޤީ ކުރާ ހިސާބުތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.

މިއިސްލާހާއެކު ގިނަ ބައެއްގެ ހުރި ކަންބޮޑުވުންތަކަށް މިނިސްޓަރ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބު ދެއްވާފައެވެ. އެގޮތުން އެއަރ ޓްރެފިކް ކޮންޓްރޯލް މަސައްކަތް ވެސް ހިމެނޭހެން އިސްލާހު އައިސްފައިވުމުން މިނިސްޓަރ ވިދާޅުވީ، މިހެން މިގޮތަށް އޮތްނަމަވެސް ދައުލަތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް އެހެން ބަޔަކަށް ދޫކޮށް ނުލާނެ ކަމަށެވެ. އަދި މިހާރު އޮތް އިބާރާތަށް ބަދަލު ގެނެސް، ދައުލަތަކުން ކުރަން ޖެހޭ އެއްވެސް ކަމެއް އެހެން އެއްވެސް ބަޔަކަށް ނުކުރެވޭނެ ކަމަށް ސާފުކޮށް ލިޔެ، އަންގާރަ ދުވަހު ގެޒެޓް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން 5 މިލިއަން ޑޮލަރަށް ވިއްކާލަނީ ކަމަށް ނުބުނެވޭނެ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން އިންވެސްޓު ކުރެވޭ އެންމެ ދަށް މިންވަރަކީ 5 މިލިއަން ޑޮލަރު ކަމަށެވެ. އެހެންވުމުން ހަމަ އެކަނި 5 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ބޮޑު ހިއްސާ އެއް ނުލިބޭނެކަން މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރެއްގެ ފޮރިން އިންވެސްޓްމެންޓް ޕޮލިސީ ސާފުކޮށް އެނގެން ނެތް އިރު، މި ސަރުކާރުން ބަދަލު ގެނައުމުގެ ކުރީން %100 ހިއްސާ އޮންނަ ބޭރު ކުންފުނި ތަކަށް އެއަރޕޯޓު ހިންގުމުގެ ފުރުސަތު އޮތް ކަމަށެވެ.