ޚަބަރު

އަފްޣާނިސްތާނާ ކައިރި ޤައުމެއްގެ އަސްކަރީ މަރުކަޒެއް ބޭނުންކުރުމަށް ނޭޓޯއިން ޝައުޤުވެރިވޭ


އަފްޣާނިސްތާނުގެ ސިފައިން ތަމުރީނުކުރުމަށް އެ ޤައުމާ ކައިރި ސަރަޙައްދަކުން އަސްކަރީ މަރުކަޒެއް ހޯދުމުގެ މަސައްކަތް ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯއިން ފަށައިފިއެވެ. އެ ގޮތުން ނޭޓޯއިން އެންމެ ބޮޑަށް މަސައްކަތްކުރަނީ ޤަޠަރުގެ އަސްކަރީ މަރުކަޒެއް އެ އިއްތިޙާދުގެ ބޭނުމަށް ލިބޭތޯއެވެ.

ނޭޓޯގެ ފައުޖުތަކުގެ އިތުރުން އެމެރިކާއަށް ނިޞްބަތްވާ ސިފައިން ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށްވަނީ ނިންމައިފައެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ނޭޓޯގެ 36 ޤައުމަކަށް ނިޞްބަތްވާ ސިފައިންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެފައެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ނޭޓޯ ސިފައިންގެ އެންމެ މުހިންމު މަޤްޞަދަކީ އަމަންއަމާންކަން ބެލެހެއްޓުމާއި އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކަށް ތަމުރީނު ދިނުމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޭޓޯއިން ބޭނުންވަނީ އަފްޣާނިސްތާނާ ކައިރި ޤައުމަކަށް އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތައް ގެނެސްގެން ތަމުރީނުތައް ދިނުމަށެވެ. އެ ގޮތުން އެ ތަމުރީނުތައް 4 ނޫނީ 6 ހަފުތާއަށް ދެމިގެންދާނެއެވެ. އެ ތަމުރީނުތައް ދިނުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ތުރުކީވިލާތުންވަނީ ހުށަހަޅައިފައެވެ.

ނޭޓޯގެ ފައުޖުތަކުގެ އިތުރުން ޖޯޖިޔާއާއި ނިޔު ޒީލެންޑާއި އޮސްޓުރޭލިޔާއަށް ނިޞްބަތްވާ 7،000 ސިފައިން އަފްޣާނިސްތާނުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި އެމެރިކާގެ 2،500 ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަތިއްބެވެ. ނަމަވެސް ތާވަލާ އެއްގޮތަށް އެ ހުރިހާ ސިފައިންނާއި ހަނގުރާމަމަތީ ހަތިޔާރު އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފާއިތުވި ހަފުތާތަކުގައި ޠާލިބާން ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ހުޅަނގުގެ ފައުޖުތައް މަރުކަޒު ނުކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކަށް ޠާލިބާނުންވަނީ ގޮވާލައިފައެވެ.