އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ އަސްކަރީ ވައިގެ ބަނދަރަކަށް ހަމަލާއެއް ދޭން އުޅުނުކަމުގެ ނުރައްކަލާ ގުޅިގެން، ގޮވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށް، އެތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.
އެ ވައިގެ ބަނދަރަށް ހަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރީގައި ދިރިއުޅޭ އާންމުން ވަނީ ވަގުތުން އެ ސަރަޙައްދުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.
"އާރްއޭއެފް ފެއާފޯޑް" އަސްކަރީ ވައިގެ ބަނދަރު ހިމެނޭ ސަރަޙައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން، ގްލޮސްޓަޝަރގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ "ސީރިއަސް ހާދިސާއެއް" ގެ ގޮތުގައި ކަނޑައަޅައި، ވެލްފޯޑް އަވަށުގެ ގިނަ ގެތަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާގެ ގޮވާތަކެތި ނައްތާލާ ޓީމުން އެ ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ ވެހިކަލްތައް ބަލައި ފާސްކުރަމުންދާ ކަމަށާއި، މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި، ހަތިޔާރުއެޅި ފުލުހުން ވަނީ އަސްކަރީ މަރުކަޒުގެ މައި ދޮރާށި ބަންދުކޮށް، ސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. އަދި ކައިރި އަވަށެއްގެ ރައްޔިތުން ވަގުތީ ގޮތުން ރައްކާތެރި ސަރަޙައްދަކަށް ބަދަލުކޮށްފައިވާއިރު، ފުލުހުންނާއި، އެމްބިއުލަންސް އަދި އަލިފާންނިއްވާ އުޅަނދުތައް ހިމެނޭ ގޮތަށް ކުއްލި ޙާލަތުގައި ޚިދުމަތްދޭ ގާތްގަނޑަކަށް 30 އުޅަނދެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ، އިނގިރޭސިވިލާތުގައި ތިބި އެމެރިކާ ސިފައިންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ފައުޖުތައް ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދޭ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށްޓަކައި، އެމެރިކާއިން ފެއާފޯޑް ބޭސް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ. މިކަމާ ގުޅިގެން އީރާނުގެ އިންޤިލާބީ ފައުޖުން ވަނީ، މިފަދަ ހަމަލާތަކަށް ބޭނުންކުރާ ކޮންމެ މަރުކަޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނެފައިވަނީ ކޮންމެފަދަ ހަމަލާއަކުންވެސް ޤައުމު ދިފާޢުކުރުމުގެ ފުރިހަމަ ޤާބިލުކަން ސިފައިންގެ ކިބައިގައި އެބަހުރި ކަމަށެވެ.
މީގެއިތުރުން، ރަޝިޔާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކާއި، އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްދޭ ސައިބަރ ހަމަލާތަކާ މެދު އިނގިރޭސި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރަޝިޔާއިން ވަނީ މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ.