ރިޕޯޓް

އޮންލައިންކޮށް ޓެކްސީގެ ޙިދުމަތް ލިބޭނެ އެޕެއް ތަޢާރަފުކޮށްފި


"ކޮބާ ޓެކްސީ"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޓެކްސީގެ ޚިދުމަތް ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަމަން އަބްދުއްރަޝީދު ނާފިޒެވެ. ކޮބާ ޓެކްސީ މި އެޕްލިކޭޝަނަކީ، ޓްރާންސްޕޯޓް އޮތޯރިޓީއާއި، ޓަވިޔަނި ޕްރައިވެޓް ލިމިޑެޓް ނަމަކަށްކިޔާ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މިހާރު "ގޫގްލް ޕްލޭސްޓޯރ" އަދި "އެޕަލްސްޓޯރ" އިން ޑައުންލޯޑް ކުރެއްވޭނެއެވެ. ކޮބާ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ސެންޓަރަށް ގުޅުމުގެ ބަދަލުގައި، އެޕްލިކޭޝަން މެދުވެރިކޮށް ހުސްކޮށް އުޅެނީ ކިތައް ޓެކްސީކަން އެނގި، ފަސޭހަކަމާއެކު ޓެކްސީއެއް ހޯދައިލެވޭނެއެވެ. މި އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، އޮންލައިންކޮށް ޓެކްސީ ބޭނުންވާ ފަރާތްތަކަށް އެ ޙިދުމަތް ފޯރުކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުން ޖުމްލަ 2 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރެއްވިކަމަށެވެ. އަދި ދެވަނަ ފަރާތަކާއެކުވެސް މިފަދަ އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ނާފިޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޓްރާންސް ޕޯޓް އޮތޯރިޓީން ބޭނުންވަނީ ވާދަވެރި މާހައުލެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދިޔުން ކަމަށާއި، ފުރަތަމަ ތަޢާރަފު މިކުރެވުނު އެޕްލިކޭޝަނާއެކުވެސް 60 ޓެކްސީގެ ޚިދުމަތް މިހާރުވެސް ލިބެމުންދާނެކަމަށެވެ.ކޮބާ ޓެކްސީ އެޕްލިކޭޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޓަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ރަމީޒް ވިދާޅުވީ، އެކުންފުނިން ބޭނުންވީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ވިހާވެސް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރަންކަމަށެވެ. އަދި އަލަށް ތަޢާރަފުކުރެވިގެންދިޔަ މި އެޕްލިކޭޝަންގެ ހުރިހާ ފީޗަރތަކެއްވެސް ތައްޔާރުކުރެވިފައިވަނީ އާއްމުންނާއި ވަރަށް ރައްޓެހިގޮތަކަށް ކަމަށެވެ.މި އެޕްލިކޭޝަން މެދުވެރިކޮށް މިވަގުތު ހަމަ އެކަނި މާލެއަށް ޚިދުމަތް ދިން ނަމަވެސް އަންނަ މަހުގެ ތެރޭ ހުޅުމާލެއާއި، އައްޑޫ ސިޓީގައިވެސް ކޮބާ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ލިބެމުންދާނެކަމަށް ރަމީޒް ވިދާޅުވިއެވެ.މި އެޕްލިކޭޝަން ބޭނުންކުރައްވާ ފަރާތްތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކޮށްގެން ބޭނުންވާ ދުވަހުގެ ބޭނުންވާ ގަޑިއަކަށް ޓެކްސީއެއް ހަމަޖެއްސުން ނުވަތަ ބުކްކުރުމާއި، ޓެކްސީ ލަސްވެއްޖެނަމަ ޑްރައިވަރަށް އެޕްމެދުވެރިކޮށް ގުޅާލައި، މަޢުލޫމާތު ސާފުކޮށްލެވޭނެއެވެ. އަދި ދަތުރު ނިމުމުން، ދަތުރުގެ ފެންވަރު ރޭޓްކޮށްލުމާއި، ހަނދާން ނެތިގެން ޓެކްސީގައި އެއްވެސް އެއްޗެއް ބޭއްވިފައިވާނަމަ ދަތުރުކުރި ޓެކްސީއަށް ނުވަތަ ޓަވިޔަނި ޕްރައިވެޓް ލިމިޑެޓަށް ގުޅައިގެން އެކަން ފަސޭހައިން ބަލާލެވޭނެއެވެ. މީގެ އިތުރުން ޕަސެންޖަރުގެ ރައްކާތެރިކަމަށްޓަކައި ޑްރައިވަރާއި، ޓެކްސީ އަދި ޓެކްސީ ސެންޓަރުގެ މަޢުލޫމާތު މި އެޕް މެދުވެރިކޮސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަގުތުން ލިބެމުންދާނެއެވެ.