ރިޕޯޓް

ފިޝް-އެގްރި އެކްސްޕޯއަކީ ލިބުނު ހިތްވަރެއް- ބައިވެރިން


ފިޝް އެގްރި އެކްސްޕޯ 2015 އަކީ  މިއަހަރުގެ ދަނޑުވެރިންނާއި މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. 

ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުމްލަ ތިރީސް ފަރާތަކުން ބައިވެރިވިއެވެ. 

މި އެކްސްޕޯގެތެރެއިން ދަނޑުވެރިކަމުގެ ސިނާއަތުގައި ތަކެތި އުފައްދާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުގެ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ދީ، އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލާފައެވެ.  

މި އެކްސްޕޯގެ ސަބަބުން މި ދެ ސިނާއަތުގައިވެސް މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޕްރޮމޯޓްކުރަން ފުރުސަތު ހުޅުވިގެންގޮސްފައިވާކަމުގައި އެކްސްޕޯގެ ބައިވެރިން ބުންޏެވެ. އަދި ދެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެން ދިޔުމަކީ މިކަމަށް ލިބުނު އިތުރު ހިތްވަރެއްކަމަށްވެސް އެ ފަރާތްތަކުން ބުންޏެވެ. 

ފިޝްއެގްރި އެކްސްޕޯގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރިއަރުވަމުންދާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އުފެއްދުންތައްވެސް ވަނީ ވިއްކާފައެވެ. މީގެ އިތުރުން މިފްކޯގެ ހާއްސަ ސްޓޯލްއަކާއި، މި ދާއިރާތަކާއި ގުޅުންހުރި އެކި މުއްސަސާތަކުގެ ސްޓޯލްތައް ހުރިކަން ފާހަގަކުރެވެއެވެ.