ރިޕޯޓް

ހުޅުމާލެ ފޭސް 2ގެ މަގު ހެދުމަށް 40.3 މިލިއަން ޑޮލަރު ހޭދަވާނެ


ރާއްޖޭގައި މިހާރުވެސް
އެންމެ ހިތްގައިމު މަގުތަކެއް ހެދި، އެންމެ ހިތްފަސޭހަ
ރަށެއްގެ ގޮތުގައި  އޮތްތަނަކީ ހުޅުމާލެއެވެ.
ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްޤީ ކުރެވޭ ހުޅުމާލެއަކީ މުސްތަޤްބަލްގައި
ގްރޭޓަރ މާލެ އޭރިއާގެ މައި ހަބުގެ ގޮތުގައި ސިފަކުރެވޭ ސިޓީއެއްވެސްމެއެވެ. ހުޅުމާލެ ތަރައްޤީ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު
އިސްކަމެއް ދެއްވައިގެން ކުރިއަށްދާ މުހިއްމު މަޝްރޫޢަކަށްވާއިރު، ދެވަނަ
ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތްވެސް
މިހާރުވަނީ ފެށިފައެވެ.



ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ
ދަށުން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއަކީ ސާޅީސް ޕޮއިންޓް ތިން މިލިޔަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު ހޭދަވާ
މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އިންޑިއާގެ މޯހަން
މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި އަޝޯކް ބިލްޑްކޮން ގުޅިގެން
އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ
ދެވަނަ ފިޔަވަހީގެ ހުރިހާ މަގުތަކެއް ހަދާ، މަގުބައްތި ޖަހާ، މަގުތަކުގައި ނިޝާންތައް ހަރުކުރާގޮތަށް ހަމަޖެހިފައިވެއެވެ.
މިގޮތުން ވިޔަފާރި ހިންގާ ސަރަހައްދުތަކާއި އެހެން ހިސާބުތައް ގުޅުވައިދޭ
މަގުތައްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.



އިންޑިއާގެ އެގްޒިމް ބޭންކުގެ 40.3 މިލިއަން ޑޮލަރުގެ  ލޯންއެހީގެ ދަށުން ކުރިޔަށްގެންދާ މި މަޝްރޫއުގެ
ދަށުން މަގުތައް ހެދާއިރު، ހުޅުމާލެ
ދެވަނަ ފިޔަވަހީގައި ހިއްކި ސަރަހައްދު ތަރައްޤީކުރެވިގެންދާނީ ޔޫތް ސިޓީއެއްގެ
ގޮތުގައެވެ. މި ފިޔަވަހީގެ ދަށުން ދުއިސައްތަ ސާޅިސްފަސް ހެކްޓަރުގެ ބިން ހިއްކާ
ނިމިފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.



 ކޮންމެއަކަސް ހުޅުމާލެ
ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހަތްބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް
ލަފާކުރެވޭއިރު ރާއްޖޭގެ ތަރައްޤީގެ ހަބަކަށްވެސް ކުރިމަގުގައި ފެންނާން އޮންނާނެ
އެއްތަނަކަށްވާނީ ހުޅުމާލެއެވެ. އަދި މިމަޝްރޫޢުގެ ދަށުން ޒުވާނުންގެ ސިޓީތަރައްޤީ
ކުރެވިގެންދާއިރު، މިތަނަކީ މުހިއްމު އިޤްތިޞާދީ މަސައްކަތްތަކެއް
ކުރިޔަށްގެންދާނެ ސަރަހައްދެކެވެ. މީގެ ސަބަބުން މި ސިޓީގައި ދިރިއުޅޭ
ޒުވާނުންނަށް ބޭނުންވާ ވަޒީފާތައް އެތަނުގައި އުފެދިގެންދާނެކަމަށް ސަރުކާރުންބުނެއެވެ.
މިގޮތުން ދެވަނަފިޔަވަހީގެ ދަށުން ހަދާ ޓޫރިޒަމް ޑިސްޓްރިކްޓުން އެކަނި ވެސް 8،000-10000އާ ދެމެދުގެ  އަދަދަކަށް ވަޒީފާ އުފެއްދޭނެ ކަމަށް ސަރުކާރުން
އަންދާޒާކުރެއެވެ.



ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ދިވެހި
ރައްޔިތުންނަށް، ޚާއްޞަކޮށް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް
ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށް، މާލެ ތޮއްޖެހުން ކުޑަކުރުމުގެ
މަޤްޞަދުގައި 16 އޮކްޓޯބަރ 1997 ގައި ސަރުކާރުން ފެށްޓެވި މަޝްރޫއެކެވެ. އެ މަޝްރޫޢު ތަރައްޤީވެ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢު
ނިމިގެން ދިއުމަކީ ދިވެހިރައްޔިތުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ދާނެކަމެކެވެ.
ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރުން ހުޅުމާލެ
ތަރައްޤީކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މަންފާ މުޅި ރާއްޖެއަށް
ފޯރާނެތީއެވެ.



ހުޅުމާލޭ ދެވަނަ
ފިޔަވަހީގައި ހިއްކާފައިވާ 245 ހެކްޓަރު ބިމުގައި ފަންސަވީސްހާސް ފްލެޓް އަޅަން
ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ސިޔާސަތަކީ އާބާދީ އާއި ވަސީލަތްތައް
މަދު ރަށްތަކުގެ މީހުންނަށް، ދެވަނަ ފިޔަވަހިން ފުރުސަތު ދިނުމެވެ.



ހުޅުމާލެ ތަރައްޤީކުރުމުގެ
ފުރަތަމަ ފިޔަވަހީގައި، 188 ހެކްޓަރުގެ ބިން ހިއްކީ ފަސްދޮޅަސް ހާސް މީހުންގެ
އާބާދީއަކަށް އަމާޒުކޮށްގެންނެވެ. އެހެންނަމަވެސް މިހާރުވެސް 80 ހާސް މީހުންނަށް
ފުރަތަމަ ފިޔަވަހި ޓާގެޓް ކުރެވޭ. 582.4 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ދެ ވަނަ
ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގައި، އިތުރު 150،000
މީހުންނަށް ދިރިއުޅެވޭނެކަމަށް ސަރުކާރުން  ހާމަކުރެއެވެ. އެއީ ރާއްޖޭގެ ޖުމްލަ އާބާދީގެ
ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ.



މެދުފަންތީގެ ރައްޔިތުންނަށް
އަމާޒުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވީހިގެ ދަށުން ޚާއްސަ މަޝްރޫޢުތަކެއް ހިންގުމަށް
ހައުސިން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެގޮތުން  ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 7،100
ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރަން ހަމަޖައްސާފައިވެއެވެ. އަދި މެދުފަންތީގެ
ބޯހިޔާވަހިކަމުގެ 3،000 ފްލެޓާއެކު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުމްލަ ދިހާހާސް
ފްލެޓް އަޅާނެއެވެ.



ހުޅުމާލޭގައި އެޗްޑީސީން
އަލަށް ތަރައްޤީކުރި ބާބަކިއު އޭރިޔާ އާއި ސެންޓްރަލް ޕާކު މިއަހަރުގެ އޯގަސްޓު
މަހުގެ 14 ވަނަ ދުވަހު ހުޅުވުމާއެކުވެސް، ހުޅުމާލެ ތަރައްޤީކުރުމަށް އިތުރު
ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.



ހުޅުމާލޭގެ ބޮޑު މަގުގެ
މެދަށް ވާ ގޮތަށް ތަރައްގީކުރި ސެންޓްރަލް ޕާކުގެމަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ބާރު ސްޕީޑެއްގައި އެ މަސައްކަތްވެސް ނިންމާލާފައިވާއިރު، ސެންޓްރަލް ޕާކަކީ
ހުޅުމާލެ ޔޫތުސިޓީއަށް ފާގަތިކަން ގެނެސްދޭ އެއްތަނެވެ.



ޝޯތަކާއި ތަފާތު އެކި
ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދަން ހުޅުމާލެއިން މިހާރު އެންމެ ކަމުދާ
އެއްތަނަކީ ސެންޓްރަލް ޕާކެވެ. އޭގެ އިތުރުން އެ ޕާކްގައި ދުވުމާއި ބައިސްކަލް
ދުއްވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ޕާކު ތެރޭގައި އިންޖީނުލީ އުޅަނދު
ބޭނުންކުރުން މަނާކޮށްފައި އޮތުމަކީވެސް ޕާކު ބޭނުންކުރާ ފަރާތްތަކަށް ލިބުނު
އެންމެ ބޮޑު އެއް ފަސޭހައެވެ.



ހުޅުމާލެއަކީ ތަރައްޤީގެ
ހަބަކަށް ވެގެންދާއިރު އެތަނުގައި ހެދިގެންދާ މަގުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ
ރައްޔިތުންނާއި އަދި ހުޅުމާލޭއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އޭގެ ފައިދާ
ލިބިގެންދާނެ ފެންވަރު ރަނގަޅު އަދި އެހާމެ ހިތްފަސޭހަ މަގުތަކެކެވެ. ހުޅުލެ މާލެ
ބްރިޖާއެކު މާލެ ސިޓީގައި ހިމެނޭ ހުޅުމާލެއާ، ހުޅުލެ އަދި މާލެ އެއްގަމު މަގުން
ގުޅާލެވިގެންދާނެއެވެ. މީގެ އިތުރުން މިހާރު މާލޭގެ މަގުތައް ރީޑިޒައިންކޮށް
މަގުތަކަށް ގެނެވޭ ބަދަލުތަކާއެކު ހުޅުލެއާ މާލެ ހިމެނޭގޮތުން މިސަރަހައްދުގެ
ތަރައްޤީ ޔަގީންވެގެންދާނީ  ދިރިއުޅުން
ފަސޭހަ ހިތްގައިމު އަދި އިޤްތިސާދީ ފުދުންތެރިކަން އޮންނަ ސަރަހައްދެއްގެ ގޮތުގައެވެ.