ރިޕޯޓް

"ނަރުދަމާ އިން އުއްމީދީ ދިރިއުޅުން"- 63 މަޝްރޫޢެއް ކުރިއަށް


ރައީސް ޔާމީންގެ ރިޔާސަތައް ދެ އަހަރު ފުރުނު އިރު، އެމަނިކުފާނުގެ އެއް ވައުދު ކަމަށްވާ " ނަރުދަމާ އިން އުއްމީދީ ދިރިއުޅުން " ވަޢުދުގެ ތެރެއިން 63 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އެކި މަރުހަލާތައް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

އަންނަ އަހަރު ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން 20 ރަށެއްގައި ފެން އަދި 20 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރެއްވުމަށްވެސް މިހާރު ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެންވަޔަރމަންޓް މިނިސްޓަރ  ތޯރިޤް އިބްރާހީމް ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ހިންގަވާ ފެނާއި ނަރުދަމާގެ އެންމެ ބޮޑު ބިޔަ މަޝްރޫޢުއަށް ވެގެންދާނެކަމަށެވެ.

މިއަހަރުގެ ތެރޭގައި މިހާތަނަށް 13 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިއަހަރު ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އިތުރު ދެރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތާއި އެއްވަރަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ގިނަ މަޝްރޫޢު ތަކެއް ދަނީ ކުރިއަށް ގެންދަވަމުންނެވެ.

"އެންމެނަށް ސާފު ބޯފެން" ވައުދުގެ ތެރެއިން ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން 49 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން، ހޫނުމޫސުމުގައި ބައެއް ރަށްރަށުގެ ރައްޔިތުން ފެނަށް ޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށްޓަކައި، ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން، މަޝްރޫއެއްވެސް ދަނީ ހިންގަމުންނެވެ. އެގޮތުން ރަށްރަށުގައި ތާނގީ ބެހެއްޓުމާއި ، އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވަމުންދާކަން ފާހަގަކުރެވެއެވެ.