ޚަބަރު

ކޯވިޑް ކޭސްތައް އިތުރުވުމާއި އައްޑޫ އާއި ފުވައްމުލަކުގައި ވެސް ކާފިއު އިޢުލާންކޮށްފި


ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ކާފިޢު ގަޑިތައް ކަނޑައަޅައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އޮތް ދެސިޓީގައި ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭއިން 7 ދުވަހުގެ މުއްދަތަށް މިދެސިޓީގައިވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ދެ ސިޓީގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫގައި އެއްރަށުން އަނެއް ރަށަށް ދިއުން ހުއްޓާލުމަށް އަންގާފައިވާއިރު، ފުވައްމުލަކުގައިވެސް އެއްއަވަށުން އަނެއް އަވަށަށް ދިއުން ވަނީ މަނާ ކުރެވިފައެވެ.

މީގެ އިތުރުން މިދެސިޓީގައިވެސް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ހޮޓާ ރެސްޓޯރެންޓާއި ކާބޯތަކެތީގެ ޚިދުމަތް ދެމުން ގެންދާ ތަންތަނުން ޓޭކް އަވޭއި އާޢި ޑެލިވަރީގެ ޚިދުމަތް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ޕާޓީ ތަކާއި ހަފްލާތަކާއި، ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި ސެލޫން ތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދެސިޓީގައި ޓެކްސީގެ ޚިދުމަތްވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ދިނުމަށް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ކޯވިޑް ކޭސްތައް އިތުރުވެގެން އެޗްޕީއޭއިން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އައްޑޫސިޓީގައި މިވަގުތު 37 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެގޮތުން އައްޑޫސިޓީ ހުޅުމީދޫން މިހާތަނަށް 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ހިތަދޫން 16 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ފޭދޫގައި 2 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ޝަންގްރިއްލާ ރިސޯޓުގައި ހުރި މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި ފިޔަވަޅުތައް އެޅިގެން ދިޔައީ ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިއުމުންނެވެ. އެގޮތުން މިހާރު ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަރާތްތައް ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާ ކަން ހޮސްޕިޓަލުން ފާހަގަ ކުރެއެވެ.

ފުވައްމަލަކުގައި ފާއިތުވި 48 ގަޑި އިރު ތެރޭ 16 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާއި ދިމާވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ. ފުވައްމުލަކުގައި ވެސް ފުރަތަމަ ޕޮޒިޓިވްވިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންވެސް އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.

އައްޑޫއާއި ފުވައްމުލަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާއިރު، މިދެސިޓީގައި ވެސް ރައްކާތެރި ވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. އަދި ދެސިޓީގެ ކައުންސިލުންވެސް ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައިވެސް ވަނީ ކަރފިއު އިއުލާންކޮށްފައެވެ. އެގޮތުން އެރަށްރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.