ރިޕޯޓް

"2016ގައި ބިޔަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް ފެށޭނެ"


2016 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، އަންނަ އަހަރަކީ ތަރައްޤީގެ އުސް ކުންނުތަކަށް ރާއްޖެ ގެންގޮސްދޭނެ ބިޔަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައް ފެށޭނެއަހަރެއް ކަމަށެވެ. 2016 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ، މައިގަނޑު ބޮޑު ފަސް މަޝްރޫޢެކެވެ.  އޭގެތެރޭގައި ހިމެނެނީ، އިބްރާހީމް ނަޞީރު އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި، މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢު ހިމެނެއެވެ. އަދި ރައްޔިތުން ގެދޮރުވެރިކުރެއްވުމަށް މިހާރު ކުރިއަށް ގެންދަވާ 1985 ހައުސިންގ ޔުނިޓްގެ މަޝްރޫޢާއި، އަލަށް ފަށްޓަވާ 1500 ހައުސިންގ ޔުނިޓްގެ މަޝްރޫޢުވެސް ހިމެނެއެވެ. މީގެ އިތުރަށް އައި.ޖީ.އެމް ހޮސްޕިޓަލުގެ ހުސް ބިމުގައި ޢިމާރާތްކުރައްވަން ހަމަޖެހިފައިވާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަޝްރޫޢާއި ށ. ފުނަދޫ އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫޢުވެސް ހިމެނެނީ މިފަދަ ބޮޑެތި މަޝްރޫޢުގެތެރޭގައެވެ. މީގެ ތެރެއިން، ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށި ކަމުގައިވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއި މާލެއާއި ހުޅުލެއާ ދެމެދު އަޅުއްވާ ބްރިޖް މަޝްރޫޢު ހިމެނެނީ، އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ދެހާސް ހަސަތޭކަފަންސާސް މިލިޔަނަށްވުރެ ބޮޑު ބަޖެޓެއްގެ ތެރޭގައެވެ. މީގެ އިތުރުން އެއަރޕޯޓް ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ފައްސަތޭކަ މިލިޔަން ރުފިޔާ އަދި އަދި ސަޢޫދީ ފަންޑުން، ދުއިސައްތަ ފަންސަވީސް މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ތިންވަނައަށް ފާހަގަކުރައްވާފައިވާ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ކުރިއަށް ގެންދަވާ ހައުސިންގ ޔުނިޓްގެ މަޝްރޫޢާއި، އަލަށް ފަށްޓަވާ ހައުސިންގ ޔުނިޓްގެ މަޝްރޫއަށް އެއްހާސް އެއްސަތޭކަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ޕީ.އެސް.އައި.ޕީގެ ގޮތުގައި ބަޖެޓް ކުރައްވައިފައިވެއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަޖެޓްކުރެވިފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ޗައިނާ އަދި އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއިން ހުޅުމާލެއާއި ދެކުނުގެ އަތޮޅުތަކުގައި އަޅަމުންދާ 1985 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތާއި ހުޅުމާލޭގައި ޗައިނާ ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1500  ހައުސިން ޔުނިޓް ގެ ތިންވަނަ ފިޔަވަހި ހިމެނެއެވެ. އައި.ޖީ.އެމް ހޮސްޕިޓަލުގެ ހުސް ބިމުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަޝްރޫއު ހިމެނެނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން ހިންގޭ އެހެނިހެން ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައެވެ. ޕީ.އެސް.އައި.ޕީގައި ހިމެނޭ ޞިއްޙަތާއި، ތަޢުލީމް އަދި ކުޅިވަރުގެ ދާއިރާއަށް ކަނަޑައަޅާފައިވާ، އެއްހާސް ފަސްދޮޅަށް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ތެރޭގައި ށ. ފުނަދޫ އެއަރޕޯޓް ހެއްދެވުމަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫޢަށް ޕީ.އެސް.އައ.ޕީގެ ދަށުން 150 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ.