ޚަބަރު

ޝާހީ އާއިލާގައި ޖެހުނު މައްސަލައަށްފަހު ޢަބްދުﷲ ރަސްގެފާނާއި އަމީރު ޙަމްޒާ އާންމުންގެ ކުރިމައްޗަށް


އުރުދުންގެ ޝާޚީ ޢާއިލާގެ ތެރޭގައި މައްސަލަތަކެއް އުފެދުނު ފަހުން އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިނާއި ކުރީގެ ވަލީއަހުދު އަދި ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު އަމީރު ޙަމްޒާ ބިން ޙުސައިން އެކުގައި ފުރަތަމަ ފަހަރަށް އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފިއެވެ.

އުރުދުންގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާފަދަ ރޭވުންތަކެއް ރޭވުމުގައި އަމީރު ޙަމްޒާގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ގިނަ އިސްވެރިންތަކެއް ބައިވެރިވެފައިވާކަމަށް ތުހުމަތުކޮށް އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ އެ ބޭފުޅުންނަށް އިންޒާރު ދީފައެވެ. އެ މައްސަލައާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން އަމީރު ޙަމްޒާވަނީ ގޭބަންދުކޮށްފައެވެ. ގޭބަންދުކުރިފަހުން އަމީރު ޙަމްޒާވަނީ އޭނާގެ ވަފާތެރިކަން އޮތީ ޢަބްދުﷲ ރަސްގެފާނަށްކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން އެ މައްސަލަ ޙައްލުވެފައިވާކަމަށާއި ހަމަޖެހުމާއި ރައްކާތެރިކަން އަނެއްކާވެސް ޤައުމަށް ލިބިފައިވާކަމަށް ޢަބްދުﷲ ރަސްގެފާނުވަނީ ވިދާޅުވެފައެވެ. އަދި ޙަމްޒާ ހުންނެވީ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުގައި އޭނާގެ އާއިލާއާ އެކުގައި އޭނާގެ ގަނޑުވަރުގައިކަމަށްވެސް ޢަބްދުﷲ ރަސްގެފާނުވަނީ ވިދާޅުވެފައެވެ.

އެ ހާދިޘާއަށްފަހު ޢާންމުންގެ ކުރިމައްޗަށް ފުރަތަމަ ފަހަރަށް ދެ ބޭފުޅުން އެކުގައި ނުކުމެވަޑައިގެންފައިވަނީ އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތުގައި ޢަބްދުﷲ ރަސްގެފާނާއި އަމީރު ޙަމްޒާގެ އިތުރުން ޝާޚީ ޢާއިލާގެ ގިނަ މެންބަރުންވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

އުރުދުންނަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަމަޖެހުން އޮންނަ ޤައުމުގެ ގޮތުގައިވަނީ ފާހަގަވެފައެވެ. ނަމަވެސް އަމީރު ޙަމްޒާއަށް ކުރެވުނު ތުޙުމަތުތަކާއެކު އެ ތަޞްވީރުވަނީ ކިލަންބުވެފައެވެ. ޢަބްދުﷲ ރަސްގެފާނާއި އަމީރު ޙަމްޒާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުވެފައިވާކަން ޢާންމުންނަށް ދެއްކެވި ނަމަވެސް އުރުދުންގެ ރައްޔިތުންނަށާއި ދުނިޔެއަށް ޝާޚީ ޢާއިލާގެ ތެރޭގައި އޮންނަ ގުޅުމަކީ ނާޒުކު ގުޅުމެއްކަންވަނީ ހާމަވެފައެވެ.

ޢަބްދުﷲ ރަސްގެފާނަށްފަހު އުރުދުންގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ އަމީރު ޙަމްޒާއެވެ. ނަމަވެސް 2004ވަނަ އަހަރުގެ ތެރޭގައި ޢަބްދުﷲ ރަސްގެފާނުވަނީ އެމަނިކުފާނަށްފަހު އަމީރު ޙަމްޒާއަށް އުރުދުންގެ ވެރިކަން ވާރުތަނުވާނެކަމަށް ނިންމަވައިފައެވެ.