ޚަބަރު

ކޮވިޝިލްޑަށްފަހު ރެމްޑެސިވިޔަރ ބޭރުކުރުންވެސް އިންޑިޔާއިން މެދުކަނޑާލައިފި


ވައިރަހަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ރެމްޑެސިވިޔަރއާއި އެ ބޭސް އުފެއްދުމަށް ބޭނުންވާ މާއްދާތައް ބޭރުކުރުން އިންޑިޔާއިން މެދުކަނޑާލައިފިއެވެ. އިންޑިޔާއިން އެގޮތަށް ނިންމާފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް 13.5 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 170،209 މީހުންވަނީ މަރުވެފައެވެ. މިދިޔަ ފެބުރުއަރީ މަހުން ފެށިގެން އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 169،914 މީހުންނަށް ކޯވިޑް-19 ޖެހި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގައި ރެމްޑެސިވިޔަރއަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވުމުން އެ ބޭހާއި އެ ބޭސް އުފެއްދުމަށް ބޭނުންވާ މާއްދާތައް އެހެން ޤައުމުތަކަށް ބޭރުކުރުން މެދުކަނޑާލާފައިވާކަމަށެވެ. އެ ނިންމުމަށް ބަދަލެއް ގެންނާނީ އިންޑިޔާގެ ޙާލަތު ރަނގަޅުވުމުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބޭސް އުފައްދާ ކުންފުނިތަކުން ރެމްޑެސިވިޔަރ އުފައްދާ މިންވަރު އިތުރުކުރުމަށް އަންގާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރެމްޑެސިވިޔަރ އުފައްދާ ބާޒާރަށް ނެރުމުގެ ޙުއްދަ އެ ޤައުމުގެ ގިނަ ކުންފުނިތަކަކަށްވަނީ ދީފައެވެ. އިންޑިޔާގައި ބޭނުމަށާއި 100އަށްވުރެ ގިނަ ޤައުމަށް ރެމްޑެސިވިޔަރ ފޯރުކޮށްދިނުމަށް މަހެއްގެ މައްޗަށް އެ ބޭހުގެ 3.9 މިލިއަން ގުޅަ އުފެއްދުމުގެ ޤާބިލުކަން އިންޑިޔާއަށްވަނީ ލިބިފައެވެ.

މިދިޔަ މަހުގެ ތެރޭގައި އިންޑިޔާއިންވަނީ އެ ޤައުމުގައި ތައްޔާރުކުރާ އެސްޓުރަޒެނެކާގެ ކޯވިޑް-19ގެ ވެކްސިން އެހެން ޤައުމުތަކަށް ބޭރުކުރުންވެސް މެދުކަނޑާލައިފައެވެ. އިންޑިޔާގެ ސަރުކާރުން އެގޮތަށް ނިންމީ އެ ޤައުމުގެ ބޭނުމަށް ފުދޭ މިންވަރަށް ވެކްސިން ކަށަވަރުކުރުމަށެވެ.