ޚަބަރު

ތަރާވީޙު ނަމާދު 10 ރަކުޢަތަށް ކުރުކުރުމަށް ސަޢުދީ ޢަރަބިއްޔާގައި އަންގައިފި


ކުރިއަށް އޮތް ރަމަޟާން މަހު މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގައި ކުރާ ތަރާވީޙު ނަމާދު 10 ރަކުޢަތަށް ކުރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްފުލްޢަޒީޒު އާލްސަޢުދު ޢަމުރުކުރައްވަފިއެވެ.

މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު ޢަބްދުލްރަޙްމާން އަލްސުދައިސް ވިދާޅުވީ ރަމަޟާން މަހު އާންމުކޮށް 20 ރަކުޢަތްކުރާ ތަރާވީޙު ނަމާދު 10 ރަކުޢަތަށް ކުރުކުރާނެކަމަށާއި ތަރާވީޙު ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދާނީ ކޯވިޑް-19ން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށްކަމަށެވެ. ޝައިޚު ސުދައިސް ވިދާޅުވީ ދެ މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް އަޅުކަމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭނެކަން ޔަޤީންކުރުމަށް ހުރިހާ އިންތިޒާމުތަކެއް ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ.

ރަމަޟާން މަހުގައި އުމުރާގެ އަޅުކަން ޢަދާކުރުމުގެ ފުރުޞަތު ދިނުމަށާއި މެދުކެނޑުމެއްނެތި ދެ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމަށްވަނީ ނިންމައިފައެވެ. ނަމަވެސް މިސްކިތްތަކުގައި ރޯދަ ވިއްލުމަށް ސުފުރާ ނުހަދާނެކަމަށާއި އިޢުތިކާފުގައި ނުތިބެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ރޯދަ މަހު އުމުރާގެ އަޅުކަމާއި ތަރާވީޙު ނަމާދާއި ރޯދަ ވީއްލުމަށް ސުފުރާ އެތުރުމުގެ އިތުރުން ފަރުޟު ނަމާދުގެ ޖަމާޢަތްވެސް މާތްވެގެންވާ ދެ މިސްކިތުގައި އޮތީ އާންމުންނަށް މެދުކަނޑާލައިފައެވެ. ނަމަވެސް އާންމުންގެ ބައިވެރިވުމާ ނުލައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޙަރަމުފުޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބައިވެރިވާގޮތަށް ޖަމާޢަތުގައި ފަރުޟު ނަމާދުތަކާއި 10 ރަކުޢަތުގެ ތަރާވީޙު ނަމާދު ކޮންމެ ރެޔަކުވަނީ ކޮށްފައެވެ.