ޚަބަރު

އީރާނުން އައު ސެންޓުރިފިއުޖުތަކެއް ބޭނުންކުރަނީ، އެކަމަކު އެންޕީޓީ މުއާޙަދާއަށް ޢަމަލުކުރާނެ


ނިއުކުލިޔަރ ހަތިޔާރު ގެންގުޅުން މަދުކުރުމާބެހޭ ނަން-ޕުރޮލިފަރޭޝަން އޮފް ނިއުކުލިޔަރ ވެޕަންސް، އެންޕީޓީ މުއާޙަދާއަށް ޢަމަލުކުރަމުންދާނެކަމަށް އީރާނުން ބުނެފިއެވެ.

ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރުގެ ތެރޭގައި އީރާނުން ސޮއިކުރި ނިއުކުލިޔަރ އެއްބަސްވުމުގެ ދަށުން ނިއުކުލިޔަރ ހަކަތަ އުފެއްދުމަށް އީރާނުން ކުރާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ޗައިނާއާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދުންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންކަން ކުރަން ފަށައިފައެވެ.

ޤައުމީ ނިއުކުލިޔަރ ޓެކުނޮލޮޖީއާބެހޭ ދުވަސް ފާހަގަކުރުމަށްޓަކައި އީރާނުގެ ނަޠަންޒު ނިއުކުލިޔަރ ޕުލާންޓުގައިވަނީ އައު ސެންޓުރިފިއުޖުތަކެއް ބޭނުންކުރަން ފަށައިފައެވެ. އެކަން ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ ރައީސް ޙަސަން ރޫޙާނީވަނީ އައިއާރު-ހައެއްގެ 164 ސެންޓުރިފިއުޖަށާއި އައިއާރު-ފަހެއްގެ 30 ސެންޓުރިފިއުޖަށް ޔޫރޭނިއަމު ގޭސް އަޅައި އައިއާރު-ނުވައެއްގެ މެޝިންތައް ތަހުލީލުކުރުމަށް އަންގަވައިފައެވެ. އެކަންކަމަކީ ނިއުކުލިޔަރ އެއްބަސްވުމާ ޚިލާފު ކަންކަމެވެ.
ރައީސް ރޫޙާނީ ވިދާޅުވީ އީރާނުން ކުރިއަށްގެންދާ ނިއުކުލިޔަރ ހުރިހާ ޙަރަކާތަކީ ޞުލްޙަވެރި ބޭނުންތަކަށް ކުރިޔަށްގެންދާ ޙަރަކާތްތަކެއްކަމަށާއި އަސްކަރީ މަޤުޞަދެއްގައި ކުރިޔަށްގެންދާ ޙަރަކާތްތަކެއް ނޫންކަމަށެވެ. އެންޕީޓީ މުއާހަދާއަށް އީރާނުން ޢަމަލުކުރަމުންދާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.