ވިޔަފާރި

ސީއޭ މޯލްޑިވްސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފި


އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކުރިއަށްއޮތް 3 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.

ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑޮކްޓަރ އަބްދުﷲ މައުސޫމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ވިދާޅުވީ މި ސްޓްރެޓެޖިކް ޕްލޭންގެ މައިގަނޑު އަމާޒަކީ ސީ.އޭ މޯލްޑިވްސްގެ ހިންގުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުން ކަމުގައެވެ. އަދި އިންސްޓްޓިއުޝަނަލް ކެޕޭސިޓީ ބިލްޑް ކުރުމާއި، ބައިނަލަގްވާމީ ދުނިޔެ ބަލައިގަންނަ އިންސްޓިޓިއުޓަކަށް ހެދުމާއި، ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށާއި ގައުމަށް ލާބަހުރި މަސައްކަތްތަކެއް ކޮށްދީ، މި ޕްރޮފެޝަންއަކީ އިތުބާރުހިފޭ، ފަހި ފުރުސަތުތަކެއް އޮތް ޕޮރޮފެޝަންއަކަށް ހެދުމަކީވެސް މި ޕްލޭންގެ އަމާޒުތަކެއް ކަމުގައި ޒިޔަތު ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ އިގްތިސާދީ ކުރިއެރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތައް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައި ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވެއެވެ.

މިޕެނަލް ޑިސްކަޝަންގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑޮކްޓަރ އަބްދުﷲ މައުސޫމް، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ސީ.އީ.އޯ މުޙައްމަދު ހުސެއިން މަނިކް، ސީ.އޭ މޯލްޑިވްސްގެ ވައިސް ޕްރެސިޑެންޓް ހަސަން މުޙައްމަދު އަދި ސީ.އޭ މޯލްޑިވްސްގެ ކައުންސިލް މެންބަރ ހުސެއިން ނިޔާޒީ ބައިވެރިވިއެވެ. މި ޕެނަލް ޑިސްކަޝަންގައި ވަނީ މިވަގުތު ބޭނުން ކުރެވެމުންދާ ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކާއި ކުރިއަށް އޮތްތާނގައި އެޅުމަށް ޕްލޭން ކުރެވިފައިވާ ފިޔަވަޅުތަކަށް އަލި އަޅުއްވާލައްވާފައެވެ.