ވިޔަފާރި

ޑައިވިންގ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޮސްކޯ ޑައިވް ޝޯއަށް


ޑައިވިންގ ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ފެއަރ، 'މޮސްކޯ ޑައިވް ޝޯ'ގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، މޮސްކޯ ޑައިވް ޝޯވ މެދުވެރިކޮށް ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ އިތުރުން ޑައިވްކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ފެއާރ ކުރިއަށްދާނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި މިމަހުގެ 8 އިން 11 ގެ ނިޔަލަށެވެ.

މޮސްކޯ ޑައިވް ޝޯއަކީ ރަޝިއާ އަދި އުތުރު އިރުމަތީ ޔޫރަޕްގައި މޫދު ކުޅިވަރާއި ޑައިވިންއާއި އެހެނިހެން މޫދުގެ ހަރަކާތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިޝްތިހާރުކުރުމުގެ ފުރުސަތުތައް މަގުފަހިވެގެންދާނެއެވެ.

މީގެއިތުރުން މި ފެއާރގައި ބައިވެރިވާ އެކި ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބި ރަޝިޔާ އަދި ސީއައިއެސް ރީޖަންގެ އޮޕަރޭޓަރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަރާތުން، މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން އަދި އޯޝަން ސެފަޔާއިން ވަނީ މި ފެއާގައި ބައިވެރިވެފައެވެ. މިފެއާގައި ރާއްޖޭ ތަމްސީލުކުރާނީ 40 އަކަފޫޓުގެ ސްޓޭންޑެއްގައެވެ. އަދި ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ދިވެހިރާއްޖޭގެ ސްޓޭންޑުން ފެނިގެންދެއެވެ.

ރަޝިއާ މާކެޓްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތަކެއް މިއަހަރުގެ މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްއެމްޕީއާރުސީން ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް ފެއާ (އެމް.އައި.ޓީ.ޓީ)ގައިވެސް ބައިވެރިވެފައެވެ. މީގެ އިތުރުން ރަޝިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސް މާކެޓަށް ހާއްސަކޮށް ދެ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕާއި މޮޔާ ޕްލެނެޓް ޓީވީ ޝޫޓްގެ އިތުރުން ރަޝިއާ ނެޝަނަލް ޖިއޮގްރަފިކްގެ ފޮޓޯ ޝޫޓްއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރަޝިއާ މާކެޓަށް އަމާޒުކޮށްގެން އެކްސްޕީޑިއާ އާއެކު ގްލޯބަލް ކެމްޕެއިނެއް ހިންގަމުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ރަޝިއާއަކީ ރާއްޖޭގެ ބޯޑަރ އަލުން ހުޅުވާލުމަށްފަހު ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.