ޚަބަރު

އަދުހަމްގެ ވާހަކަތަކާއި ރާގު ބަދަލުކޮށް އަނެއްކާވެސް ކުށަށް އިއުތިރާފުވެއްޖެ


ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު އަނެއްކާވެސް އޭނާގެ ކުށަށް އިއުތިރާފުވެ ކަން ހިނގި ކިިޔާދީފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލި މައްސަލާގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖލީހުގައި އަދުހަމްވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭރު އޭނާ ކުށަށް އިއުތިރާފުވީ އަދަބެއް ލުއި ލިބޭގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

އެހެންނަމަވެސް ކުށަށް އިއުތިރާފުވުމަށްފަހު އޭގެ 6 ދުވަސްފަހުން އޭނާގެ މައްޗަށް ހުކުމްކުރަން ބޭއްވި އަޑުއެހުމުގައި އަދުހަމްވަނީ އިއުތިރާފު އަނބުރާ ގެންގޮސްފައެވެ. ދައުވާއަށް އިންކާރުކުރަމުން އެދުވަހު އަދުހަމް ބުނީ ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށެވެ.

އަލުން ކުށަށް އެއްބަސްވެ އަދުހަމް މިއަދު ވާހަކަ ދެއްކިއިރު އޭނާގެ ވާހަތަކާއި ރާގުވެސް ވަނީ ބަދަލުވެފައެވެ. މީގެކުރިން ކުށަށް އިއުތިރާފުވީ މަސްތުގައި ހުރެގެންކަމަށް ބުނިނަމަވެސް އެވާހަކަތައްވެސް ވަނީ ބަދަލުވެފައެވެ. މިއަދު ބުނީ ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ޤައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުންމުންކަމަށެވެ. އެހެންނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އޭނާ ބުނިއެވެ.

ކަންވީގޮތް ކިޔާދެމުން އަދުހަމް ބުނީ ޤާސިމްގެ ގެޔަށް ވަޅި ހެރީ ޤާސިމް ކާރުން ފައިބައިގެން ސަލާމަތްވުމަށް ދުވަމުން ދަނިކޮށްކަމަށެވެ. ޤާސިމަށް ހަމަލާދިނުމަށްފަހު ފިލަން މަސައްކަތް ކުރަނިކޮށް ގެންގުޅުނު ވަޅި އެތަނުގައި ހުރި ވަޅުގަނޑަކަށް ވެއްޓުނުކަމަށާއި ރަހްމަތްތެރިއެއްގެ ގެޔަށް ދިޔައީ މަގުމަތީގައި އޮތް ފެންގަނޑަކުން މޫނާ އަތް ދޮވެގެންކަމަށެވެ. އަދި ރަހްމަތްތެރިޔާ އަތުން ގަމީހެއް ހޯދާ އޭނާ ކުރިން ލައިގެން ހުރި ގަމީސް ކުނިތަކެއްގެ ތެރޭގައި ފޮރުވާ އަވަހަށް ބަހަކަށް އަރައިގެން މާލެ އައީކަމަށްވެސް އަދުހަމް ވަނީ ކިޔާދީފައެވެ.

އަދުހަމް ބުނީ ޤާސިމަށް ހަމަލާދެވުނީ މަރާލުމުގެ ނިޔަތުގައި ނޫންކަމަށާއި އެކަން ހިނގީ މަސްތުގެ ހާލަތުގައި ހުރުމުންކަމަށެވެ. އަދުހަމްގެ މި ވާހަކަތަކާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން އަދުހަމް ބުނީ މަސްތުވީ މީހަކު މަޖްބޫރުކޮށްގެން ނޫންކަމަށާއި އެއީ އަމިއްލައަށް އެދިގެން ކުރިކަމެއްކަމަށެވެ.

އަދްހަމް ވަނީ ޤާސިމްގެ ވާރިސުންގެ ކިބައިން މިއަދުވެސް މާއާފަށް އެދިފައެވެ. އަދި އަދަބު ލުއިކޮށްދިނުމަށްވެސް އެދޭކަމަށްވެސް އެނާ ވަނީ ބުނެފައެވެ.

އަދުހަމް އަނެއްކާވެސް ކުށަށް އިއުތިރާފުވިޔަސް ދައުލަތުން އެދުނީ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުމަށެވެ. ދައުލަތުން ބުނީ އެގޮތަށް އެދުނީ ކުށުގެ ނިޔަތަށް އަދުހަމް އިންކާރުކުރާތީ އެކަމުގެ ބާވަތުން މަތީ ކޯޓްތަކުން ގޮތެއް ނިންމަންޖެހޭ ހާލަތެއްގައި އެކަން ބޭނުންވާތީކަމަށެވެ.

ދައުލަތުން ވަނީ އަދުހަމާއި ދެކޮޅަށް ސިއްރު ހެއްކަކާއި އިތުރު ހެކިންގެ އިތުރުން ބައެއް ފުލުހުންގެ ނަންވެސް ހުށައަޅާފައެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގާގޮތަށް ކަނޑައެޅުމަށްފަހުއެވެ.

2019 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީ ނެގުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.